އިންޑިއާގެ ދިއްލީ ކައިރީގައި ހިންގަމުންދިޔަ ބައިނަލްއަގުވާމީ ސައިބާ ކުށްތަކާއި އިންސާނީ ވަގުފާރީގެ ނެޓްވޯކެއް އިންޑިއާގެ ފުލުހުން ރެއިޑުކޮށް، މަޖުބޫރުން ކުށްތައް ކުރުވަމުންދިޔަ އިންޑޮނޭޝިއާ އާއި މެލޭޝިއާގެ 164 ރައްޔިތުން ސަލާމަތްކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދޭ ގޮތުގައި، ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި އިންޑޮނޭޝިއާގެ 92 މީހުންނާއި މެލޭޝިއާގެ 72 މީހުން ހިމެނެއެވެ. މި މީހުން އިންޑިއާއަށް ގެެންގޮސްފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ރަނގަޅު މުސާރަ ލިބޭ ވަޒީފާތައް ދޭނެކަމަށް ބުނެ އޮޅުވާލައިގެން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އިންޑިއާއަށް އެތެރެވުމާއެކު އެ މީހުންގެ ޕާސްޕޯޓު އަތުލައި، އެއްވެސް ތަނަކަށް ނުނިކުމެވޭ ގޮތަށް ބަންދުކޮށް، އިންޓަނެޓު މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޖަރީމާތައް ހިންގުމަށް ވަނީ މަޖުބޫރުކޮށްފައެވެ.

މި ޖަރީމާ ހިންގަމުންދިޔައީ އިންޑިއާގެ ވެރިރަށް ދިއްލީގެ ކައިރީގައިވާ ނޯއިޑާ ސަރަހައްދުގައި ހުންނަ ކޯލް ސެންޓަރެއްގައެވެ. މި ނެޓްވޯކުގެ މަސައްކަތްތައް ފަޅާއަރާފައިވަނީ އެ ތަނުގައި ބަންދުކޮށްފައި ހުރި މެލޭޝިއާގެ މުވައްޒަފަކު ފިލައިގެން ގޮސް، ފުލުހުންނަށް އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުންނެވެ. މި މައްސަލައާ ގުޅިގެން، މި ނެޓްވޯކު އިސްކޮށް ހިންގިކަމުގެ ތުހުމަތުގައި މެލޭޝިއާގެ 25 އަހަރުގެ މީހެއްގެ އިތުރުން އިންޑިއާގެ ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ އެ ތަނުން 500 އަށްވުރެ ގިނަ ކޮމްޕިއުޓަރާއި، މޮބައިލް ފޯނާއި، ތަފާތު ގައުމުތަކުގެ ސިމް ކާޑުތައް އަތުލައިގަނެފައެވެ. ސައިބާ ވަގުފާރި އާއި އިންސާނީ ވަގުފާރީގެ މިފަދަ ނެޓްވޯކްތައް ދެކުނު އޭޝިއާ އާއި ދެކުނުއަވަހާރު އޭޝިއާގެ ސަރަހައްދުތަކުގައި އިތުރުވަމުން އަންނައިރު، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އަންދާޒާކުރާ ގޮތުގައި ސަރަހައްދީ ގައުމުތަކުގައި 300,000 އަށްވުރެ ގިނަ މީހުން ވަނީ މިފަދަ ޖަރީމާތަކުގެ ޝިކާރައަކަށް ވެ، މަޖުބޫރުން ކުށްތައް ކުރުވުމުގެ ތެރެއަށް ވައްދައިފައެވެ.