ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިންގެ ޑޯޒް ފުރިހަމަކުރި ހަމައެކަނި ރަށުގެ ފަހުރު އއ. މަތިވެރިން ހޯދައިފިއެވެ.
މަތިވެރީ ހެލްތު ސެންޓަރުގެ ފެމިލީ ހެލްތު އޮފިސަރު މުއައްމަރު މޫސާ "ވަން" އަށް މިއަދު ވިދާޅުވީ، އެރަށުގައި ވެކްސިން ޖެހޭ އާބާދީގައި އުޅެނީ 446 މީހުން ކަމަށާއި އެއަށް ވުރެވެސް ގިނަ މީހުންނަށް ދެވަނަ ޑޯޒް ދެވިފައިވާ ކަމަށެވެ.
"ވެކްސިން ޖެހޭ އުމުރުފުރާގައި މިއުޅެނީ 446 މީހުން. ނަމަވެސް މިހާތަނަށް އަޅުގަނޑުމެނަށްވާނެ 519 މީހަކަށް ވެކްސިންގެ ޑޯޒް ފުރިހަމަކޮށްދެވިފައި،" މުއައްމަރު ވިދާޅުވިއެވެ.
މުއައްމަރު ވިދާޅުވީ، ވެކްސިން ފުރިހަމަކުރުމަށް ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭ ކަމަށެވެ.
ކޮވިޑް ވެކްސިން ދެވޭ އާބާދީގެ 100 އިންސައްތަ މީހުން ދެ ޑޯޒު ފުރިހަމަ ކުރި ހަމައެކަނި ރަށުގެ ގޮތުގައި މަތިވެރި އޮތް އިރު ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުން ދާން ޝަރުތުހަމާވާ ލިސްޓަށް ވެސް އެ ރަށް އޮތީ އަރައިފައެވެ.
މަތިވެރީގެ އާބާދީއަކީ 1006 މީހުންނެވެ. ކޮވިޑާ ގުޅިގެން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެރަށް މޮނީޓަރިންގެ ހާލަތަށް ލިއެވެ.
ސައްތައިން ސައްތަ ވެކްސިން ޑޯޒް ފުރިހަމަ ކުރި ރަށަކަށް މަތިވެރި ވެފައިވެފައިވާ އިރު، ގިނަ ރަށްރަށުގެ އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އިންސައްތަ ޕަސަންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ. އޭގެތެރޭގައި ހއ. ތުރާކުނު، ހދ. ވައިކަރަދޫ، ށ. ކޮމަންޑޫ، ނ. ފޮއްދޫ، ނ. މަގޫދޫ އަދި ބ. ފެހެންދޫ ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު