ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލަދިން ކަމުގެ ތުހުމަގުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ލ. ފޮނަދޫގައި ދިރިއުޅުއްވަމުން ގެންދަވާ މަސްއޫދު، ރޭ އިރާކޮޅު އަނބިކަބަލުންނާ އެކު ސައިކަލްގައި ދުއްވާފައި ދަނިކޮށް ފަހަތުން އައި މީހަކު ދަގަނޑުބުރިއަކުން ހަމަލާދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އެ މައްސަލަ ރޭ 9:13 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާއިރު ތުހުމަތުކުރެވޭ މީހާ، ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އޭނާގެ އުމުރަކީ 36 އަހަރެވެ.
ދަގަނޑުބުރިން ޖަހަން އުޅުމުގެ ތެރޭގައި ސަލާމަތްވުމަށް ދިއްކޮށްލި އަތަށް ލިބުނު އަނިޔާތަކަށް މަސްއޫދު ވަނީ ފޮނަދޫ ސިއްހީ މަރުކަޒުން ފަރުވާ ވެސް ހޯއްދަވާފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު މަސްއޫދުގެ ކާރުގައި ވެސް ވަނީ ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެކަމުގެ ތުހުުމަތު ވެސް މަސްއޫދު ކުރައްވަނީ ރޭ އޭނާއަށް ހަމަލަދިން މީހާއަށެވެ. ނަމަވެސް ކާރުގައި ރޯކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އެ މައްސަލައާ ގުޅިގެން މީގެ ކުރިން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު