އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުުގެ ސަބަނުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުން މެދުކަނޑާލައިފިއެވެ.

އެޗްޑީސީގެ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ، ހިޔާ ފްލެޓްގެ އެއްބަސްވުން ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ، އެ ކުންފުނީގެ މުވައްޒިފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް މެދުކަނޑާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފްލެޓް އެއްބަސް ވުމުގައި ސޮއި ކުރުމަށް މިއަދު 10:00 އިން ފެށިގެން ތާވަލު ކުރެވިފައިވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފްލެޓް އެއްބަސް ވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީހެއް، ހެލްތު ޕޮރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ މަޝްވަރާ ކުރުމަށްފަހު އިއުލާނު ކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެޗްޑީސީން އެއްބަސް ވުމުުގައި ސޮއިކުރަން ފަށާފައިވަނީ ހުސްވި ޖުލައި މަހުގެ 17 ގައެވެ.

އީދު ބަންދަށް މެދުކަނޑާލުމަށްފަހު، އަލުން ސޮއިކުރަން ފަށާފައި ވަނީ، ޖުލައި 15 އިން ފެށިގެންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުން 6,720 ފަރާތަކަށް ފްލެޓްދޭން ވަނީ ނިންމައިފައެވެ.