ސާބިތުވާ ވަރަށް ހެކި ލިބިފައިވާއިރު، މީހަކު މަރާލަން ބޮންގޮއްވި މީހަކާ އެކީ ދައުލަތުގެ ފަރާތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދަންޖެހޭ ސަބަބަކީ ކޮބައި ކަމަށް ވިދާޅުވެ، ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.

ހައިލަމް އެހެން ވިދާޅުވެ ސުވާލު އުފައްދާފައިވަނީ، މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ އައިއީޑީއެއް ގޮއްވާލައިގެން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި، ހިމެނޭ ބައެއް ފަރާތްތަކާއެކު އިއުތިރާފް އެއްބަސްވުން ހަދާފައިވާ ކަމަށާއި، އެ މައްސަލައިގައި ދައުވާކުރަން ފޮނުވި ފަރާތްތަކުގެ މައްޗަށް މައްސަލަ ސާބިތުވާ ވަރަށް ހެކި ހުރިކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެވާހަކަތަކާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ހައިލަމް ވަނީ، "ސާބިތުވާ ވަރަށް ހެކި ލިބިފައިވާނަމަ، މީހަކު މަރާލަން ބޮންގޮއްވި މީހަކާ އެކީ ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދަންޖެހޭ ސަބަބަކީ ކޮބައިތޯ؟،" ސުވާލު ކުރައްވައިފައެވެ. އަދި އެކަމާ ގުޅިގެން ޕީޖީ ޝަމީމު ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ޖުމްލަ 12 ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ ހުސެއިން ޝަމީމު އިއްޔެ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދައުވާ އުފުލާފައިވަނީ އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 ގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށް ކަމަށެވެ.

އެގޮތުން، މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް، އައިއިޑީ ހަރުކޮށްފައިވާ ސައިކަލު ރިމޯޓަކަށް ފިއްތަލައިގެން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައި ވެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަދުހަމަށް ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން ހިމެނެ އެވެ.

އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ ވެސް އަދުހަމްގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކުރެވޭ މުޖާޒްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައި ވެ އެވެ.

އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުން ހިމެނެ އެވެ.

ދެން އެ މައްސަލާގައި ހިމެނޭ ތަހުމީނު އަހުމަދުގެ މައްޗަށް ވެސް ހަތަރު ދައުވާއެއް ވަނީ ކޮށްފަ އެވެ.

އެގޮތުން، ތަހުމީނުގެ މައްޗަށް ވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ތަހުމީނުގެ މައްޗަށް ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.

ހުޅުމާލޭގައި އެ ގޮއްވައިލި ސައިކަލުގައި އައިއީޑީ ހަރުކުރުމުގެ އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވި ގޮތުގައި އެ ދައުވާތައް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.