އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި އެވެ.
ޓީޗަރު ވަޒީފާއިން ވަކި ކޮށްފައިވާކަން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވަނީ 'ވަން' އަށް ކަށަވަރުކޮށްދީފަ އެވެ.
ނ. ކުޑަފަރީ ސްކޫލްގައި އިސްލާމް ކިޔަވައިދޭ އެ ޓީޗަރު މިއަހަރުގެ ފެބްރުއަރީ މަހުގައި އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މެންބަރު ވައްޑެއަށް ތައުބާވުމަށް އަންގައި އޭނާ އެކަން ނުކޮށްފި ނަމަ މަރާލަން ޖެހޭ ކަމަށް ބުނެފަ އެވެ.
ވައްޑެ މަރާލަން ޖެހޭ ކަމަށް ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލީތަލް އިންޖެކްސަން ޖަހައި މަރަށް މަރު ހިފުމަށް ކެބްނެޓްގައި އޭރު ކުރި މަޝްވަރާތަކަށް އޭނާ ފާޑުކިޔާފައިވާތީ އެވެ.
އިސްލާމް ޓީޗަރުގެ އެ ޕޯސްޓާއި ގުޅިގެން މޭ ނުވަ ވަނަ ދުވަހު އޭނާ ވަނީ 30 ދުވަހަށް ސަސްޕެންޑްކޮށް މަސައްކަތުން އެކަހެރި ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އެވެ. އެ ނިންމުން ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ، މައްސަލަ ބެލުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެދުމުން ކަމަށް ވެސް ވަނީ އެނގިފަ އެވެ.