ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ދުނިޔޭގެ ރޭންކިން ކުރީގައި އޮތް ގިނަ ކުޅުންތެރިން ވާދަކުރާ މުބާރާތެއްގައި ވާދަކުރަން ޔޫރަޕުގެ އިތުރުން އޮމާންއަށް ދިއުމުގެ ފުރުސަތު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ހަމަޖައްސައިދީފިއެވެ.
ޕޯޗުގަލްގެ އިތުރުން އޮމާންގައި އޮންނަ ދެ މުބާރާތެއްގައި ވާދަކުރަން ދީމާ ދާން ހަމަޖެހިފައިވާ އިރު، އެ ދެ މުބާރާތަކީވެސް ދުނިޔޭގެ ޓީޓީގެ ޖޫނިއާ ލެވެލްގައި އެންމެ ވަރުގަދަ ތަރިން ވާދަކުރާނެ ދެ މުބާރާތެވެ. ދީމާ ޕޯޗުގަލްގައި ވާދަކުރާނީ އަންނަ މަހު 18-22 އަށް އޮންނަ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައެވެ. މުބާރާތުގައި ދީމާ ކުޅޭނީ 15 އަހަރުން ދަށުގެ ކެޓަގަރީގައެވެ. އެ ކެޓަގަރީން ފުރުސަތު ލިބިފައިވަނީ ދުނިޔޭގެ ރޭންކިން އަށް ބަލާއިރު، އެންމެ މޮޅު 30 ކުޅުންތެރިންނެވެ.
ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ "ވަން" އަށް ވިދާޅުވީ މިއީ ދީމާގެ ކުރިއެރުމަށް ބަލާއިރު ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށާއި ރޭންކިން ދެމެހެއްޓުމަށް މިފަދަ މުބާރާތްތައް މުހިއްމު ކަމަށެވެ.
"ކޮވިޑް 19 އާ ގުޅިގެން މުބާރާތްތަކަށް ނުދެވި މިދިޔައީ. އަސްލު މިނިސްޓްރީ ތެރެއިންވެސް އެސޯސިއޭޝަން މެދުވެރިވެ ގިނަ ފުރުސަތުތަކެއް ލިބުނު. އެކަމަކު ބެލެނިވެރިންނަށްވެސް ދަތިތަކެއް އެބަ ދިމާވޭ ކޮވިޑުގެ ހާލަތު އޮތް ގޮތުން. ދީމާގެ ރޭންކިންގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިފައި އޮއްވައި މުބާރާތްތައް ގެއްލުމުން ކޮންމެވެސް ވަރަކަށް ދަށްކޮށް ފެންނަނީ. އެހެންވީމަ މިއީ ރޭންކިން ދަމަހައްޓަން ރަނގަޅު ފުރުސަތުތަކެއް. މިއީ ދީމާއަށް ލިބޭނެ މުހިއްމު ތަޖުރިބާއެއް،" ޝިއުރީ ވިދާޅުވިއެވެ.
ދީމާ، 13، ވަނީ މިދިޔަ އޭޕްރީލް މަހު ނެރުނު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ރޭންކިންގެ 15 އަހަރުން ދަށުގެ ބައިން އަށް ވަނައަށް ޖެހިލައިފައެވެ. އޭރު ސީނިއާ ކެޓަގަރީއަށް ބަލާއިރު 17 އަހަރުން ދަށުގެ ބައިން ދީމާ ވަނީ ދުނިޔޭގެ 41 ވަނައަށް އަރައިފައެވެ. އެކަމަކު، އެންމެ ފަހުން ނެރުނު ރޭންކިންގައިވާ ގޮތުން ދީމާ އޮތީ 15 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 11 ވަނައިގައެވެ. އަދި 17 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 53 ވަނައިގައެވެ.
ރޭންކިންގައި ކުރިއަރަން ދީމާއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޭޝިއާގައި ބާއްވަން ނިންމި ގިނަ މުބާރާތްތަކެއް ކޮވިޑް-19ގެ ސަބަބުން ފަސްކުރަން ޖެހުމެވެ. އޭގެ ތެރޭގައި މި މަސް ތެރޭގައި މާލޭގައި ބާއްވަން ނިންމި ދެ މުބާރާތް ވެސް ހިމެނެއެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެއަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފައެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ.