ޓޯކިއޯ އޮލިމްޕިކްސް ފިރިހެން ފުޓުބޯޅަ އިވެންޓުގެ ދެވަނަ ސެމީ ފައިނަލުގައި ޖަޕާން ބަލިކޮށް، ސްޕެއިންއިން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މިފަހަރުގެ އޮލިމްޕިކްސް ބާއްވާ ގައުމު، ޖަޕާނުގެ މައްޗަށް ސްޕެއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލަކީ އިތުރު ވަގުތުގައި ރެއާލް މެޑްރިޑުގެ މާކޯ އެސެންސިއޯ ކާމިޔާބުކޮށްދިން ގޯލެކެވެ.

ޖަޕާނުން މިއަހަރުގެ އޮލިމްޕިކްސްގެ ސެމީ ފައިނަލަށް ގޮސްފައިވާ އިރު، އެޓީމުން އުންމީދުކުރީ ފުރަތަމަ ފައިނަލަށެވެ. އެގައުމުގެ ތަރީހުގައިވެސް މިއީ އޮލިމްޕިކްސް ފިރިހެން ފުޓުބޯޅަ އިވެންޓުން މެޑަލްއަކާ މިހާ ގާތަށް ޖެހިލި ފުރަތަމަ ފަހަރެވެ. ޖަޕާނުން ތިންވަނަ ހޯދައިގެން ބްރޯންޒް މެޑަލް ހޯދުމަށް އަދިވެސް ފުރުސަތު އެބައޮތެވެ.

މިއަހަރުގެ އޮލިމްޕިކްސްއަށް ދިޔަ އެންމެ ވަރުގަދަ އެއް ޓީމަކީ ސްޕެއިނެވެ. އެޓީމުން ޒުވާން ސްކޮޑެއް ގެންދިޔަ ނަމަވެސް ޓީމުގައި ބޮޑަށް ހިމެނެނީ ސީނިއާ ޓީމަށް މެޗުތައް ކުޅެދީފައިވާ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ޔޫރޯ 2020 ގައި ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ޕެޑްރީގެ އިތުރުން ޑޭވިޑް އޮލްމޯއާއި އޮޔަރުޒަބަލް އަދި ޑިފެންޑަރު ޕައު ޓޮރެސް އާއި ގޯލްކީޕަރު އުނައި ސިމޮންވެސް ސްޕެއިން ޓީމުން ފާހަގެވެއެވެ.

މެޗުގައި ގިނަ ހަމަލާތައް އުފައްދައި ނުރައްކާކުރި ސްޕެއިންއިން ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތަށްފަހު ކުޅުނު އިތުރު ވަގުތުގެ 30 މިނެޓުގެ ތެރޭގައެވެ. އެ ގޯލު އެސެންސިއޯ ޖަހައިދީފައި ވަނީ 115 ވަނަ މިނެޓުގައެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ ޓޯކިއޯ އޮލިމްޕިކްސްގެ ފައިނަލުގައި ސްޕެއިން ނުކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ. ބްރެޒިލަކީ 2016 ވަނަ އަހަރު ރިއޯގައި ބޭއްވި އޮލިމްޕިކްސްގެ ވެސް ރަން މެޑަލް ހޯދި ޓީމެވެ.