ކޮވިޑް ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު މިހާރު "ނިއު ނޯމަލް" އަކަށް ރާއްޖޭގެ ހާލަތު ގެނެވިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ ކޮވިޑުގެ ހާލަތު ނިއު ނޯމަލްގެ ހާލަތަށް ބަދަލުވެފައިވާ ކަމަށެވެ. އަދި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިން ޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ކޮވިޑުން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ކޮވިޑް ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ކެބިނެޓުގެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށްވެސް ބުންޏެވެ.

މާޗް މަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އަދި މެއި މަހު ވަނީ އަދަދުތައް 1،000 އިން މައްޗަށްވެސް އަރައިފައެވެ.

މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގެ ކޭސްތަކުގެ އަދަދު މިހާރު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މިހާރު އެވަރެޖްކޮށް މާލެ ސަރަހައްދުން ޕޮޒިޓިވްވަނީ ދުވާލަކަށް 20 މީހުންނެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިންޖެހޭ އާބާދީގެ އެންމެނަށް ދެ ޑޯޒް ވެކްސިން ދިނުމެވެ. އެގޮތުން ސަރުކާރުން ވަނީ މިކަމާ ގުޅިގެން ބޮޑު ކެމްޕެއިނެއްވެސް ފަށައިފައެވެ. މި ކެމްޕެއިންގެ ދަށުން ވެކްސިން ނުޖަހާ ފަރާތްތައް ވެކްސިން ޖެހުމަށް ބާރު އެޅުމާއި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ލުއިތައް ދިނުން ހިމެނެއެވެ.