މާލޭ އިންޑަސްޓްރިއަލް ޒޯނުން ސްޓެލްކޯއަށް ދީފައިވާ ބިމެއް އެ ކުންފުންޏަށް އެންގުމެއް ނެތި ސިޓީ ކައުންސިލުން ހުސްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ސިޓީ ކައުންސިލުން ހުސްކޮށްފައިވަނީ، މާލޭގައި ގާއިމު ކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ތަކެތި ވަގުތީ ގޮތުން ބެހެއްޓުމަށް ސްޓެލްކޯއަށް މެރީ ބްރައުން ކުރިމަތިން ދީފައި އޮންނަ ބިމެވެ. އެ ބިން އެކުންފުންޏަށް ދީފައިވަނީ ކުރީ ސަރުކާރުންނެވެ.

ސްޓެލްކޯގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އެބިން ހުންނާނީ ފެންސް ޖަހައި ބަންދުކޮށްފައިވާ ކަމަށާއި ބައެއް ސާމާނުވެސް އެ ބިމުގައި ހުންނާނެ ކަމަށެވެ.

"ސިޓީ ކައުންސިލުން މިވަނީ ފެންސްވެސް ނަގައި އެތަނުގައި ހުރި ބައެއް ސާމާނުވެސް ގެންގޮސްފައި. އެބިމަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ބިމެއް،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، މުސްތަގުބަލުގައި އެ ބިން ބޭނުން ކުރަން ސްޓެލްކޯއިން ނިންމާފައިވަނީ ބުރިޖަކުން މާލެއާ ގުޅީފަޅު ގުޅާލުމުން، ބުރިޖާ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ޓްރާންސްފޯމަރު ބެހެއްޓުމަށް ކަމަށެވެ.