ޓޯކިއޯ އޮލިމްޕިކްސް 2021 ގެ ފިރިހެން ފުޓުބޯޅަ އިވެންޓުގެ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފިއެވެ.
ބްރެޒިލަކީ އެންމެފަހުގެ އޮލިމްޕިކްސް ރަން މެޑަލް ހޯދި ޓީމެވެ. އެޓީމުން މިއަދުގެ ސެމީ ފައިނަލުގައި 2012 ވަނަ އަހަރު އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓްގެ ޗެމްޕިއަން މެކްސިކޯ ބަލިކުރީ ޕެނަލްޓީގައި 4-1 ގެ ނަތީޖާއަކުންނެވެ. މެޗު ޕެނަލްޓީއަށް ގޮސްފައި ވަނީ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ 0-0 އިން އެއްވަރުވެގެންނެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ބްރެޒިލާއި މެކްސިކޯ އެންމެ ފަހުން އޮލިމްޕިކްސްގައި ކުޅެން ޖެހިފައިވަނީ 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސްގައެވެ. އެ މެޗަކީ އެ އަހަރު އޮލިމްޕިކްސްގެ ފައިނަލް މެޗެވެ. މެޗު 2-1 އިން މެކްސިކޯ ކާމިޔާބު ކޮށްފައިވާ އިރު، އެ ރަން މެޑަލްއަކީ މެކްސިކޯގެ ތާރީހުގައިވެސް އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓަކުން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.
މިއަދުގެ މެޗުގައި ދެޓީމަށްވެސް ފުރުސަތުތައް ލިބި ބޭކާރުވެގެން ގޮސްފައިވާ އިރު، ޕެނަލްޓީގައި ބްރެޒިލުން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ޑެނީ އަލްވޭސްއާއި ގެބްރިއަލް މާޓިނެލީ ކާމިޔާބުކޮށްދިން ނަމަވެސް މެކްސިކޯގެ ފުރަތަމަ ދެ ޕެނަލްޓީ ވީ ނާކާމިޔާބެވެ. މެކްސިކޯގެ ފުރަތަމަ ޕެނަލްޓީ އެޑުއާޑޯ އަގުއޭރީ ޖެހި ނަމަވެސް ބްރެޒިލްގެ ގޯލްކީޕަރު ދިފާއު ކޮށްފައެވެ. އަދި މެކްސިކޯގެ ދެވަނަ ޕެނަލްޓީ ޖޯހަން ވަޒްކުއޭޒް ޖެހީ ބޭރަށެވެ.
ބްރެޒިލަށް ދެން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ބްރޫނޯ ގުއިމަރެއާސްއާއި ރެއިނިއާއެވެ. މެކްސިކޯއިން ހަމައެކަނި ކާމިޔާބުކުރީ ކާލޯސް ރޮޑްރިގޭޒް ޖެހި ޕެނަލްޓީއެވެ.
އޮލިމްޕިކްސް ފިރިހެން ފުޓުބޯޅަ އިވެންޓުގެ ފައިނަލުގައި ބްރެޒިލުން ނުކުންނަން ޖެހޭނެ ޓީމު ޔަގީންވާނީ ހޯސްޓް ޖަޕާނާއި ސްޕެއިން ވާދަކުރާ ސެމީ ފައިނަލް ދެވަނަ މެޗަށްފަހުއެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް