ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ގޮއްވާލި އައިއީޑީން އަލީ ހައިޝަމްއާ ތަހުމީން އަހުމަދުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އެ ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތަހުމީންއާ ހައިޝަމްގެ ޑީއެންއޭ އައިއީޑީން ފެނިފައިވާ ކަމަށެވެ.
"ޑީއެންއޭ ރިޕޯޓްތަކުން އަޅުގަނޑުމަނަށް ތަހުމީނު އަހްމަދުގެ ޑީއެންއޭ އަދި އަލީ ހައިޝަމްގެ ޑީއެންއޭ އެބަ ފެނޭ އައިއީޑީގެ ތެރެއިން. ނުވަތަ އައިއީޑީން އެ ދެމީހުންގެ ޑީއެންއޭ އެބަފެނޭ،" ޝަމީމް ވިދާޅުވި އެވެ.
އެ ދެ މީހުންގެ ޑީއެންއޭ އައިއީޑީން ފެންނަނީ އެ ބޮން ހެދުމުގެ މަސައްކަތްކޮށްފައިވާތީ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެން ނޫނީ އެ ދެ މީހުންގެ ޑީއެންއޭ އައިއީޑީން ފެންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މެއި ހައެއްގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން ބޮން ސައިކަލް ގައި ހަރުކުރީ ގިނަބައެއްގެ ފުރާނައަށް ނުރައްކާވާ ހާލަތުގައި، ހުޅުމާލެ ފްލެޓެއް ކައިރީގައި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ސައިކަލްގައި ހަރުކޮށްފައިވާ އެ އައިއީޑީ ގޮއްވާލިއިރު އެ ހަމަލާއިން އަސަރުކުރާ ހިސާބުގައި 17 މީހުން ތިބި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ބުރައިގެން ދިޔަ ރޭޒާފުށްތަކުން ޖެހި ރައީސް ނަޝީދާއި ބޮޑީގާޑުގެ އިތުރުން ބައެއް އާއްމުން ވަނީ ޒަހަމުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު