ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދާއި އެކު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފި އެވެ.
އެކަމާގުޅޭ މައުލޫމާތު ދިނުމަށް ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީޖީ ޝަމީމް ވިދާޅުވީ އެ އެއްބަސްވުން ހަދާފައިވާނީ އަދުހަމްގެ ވަކީލުގެ ހާޒިރުގައި ކަމަށާއި އަދި އިއްޔެ ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ.
"އެކަން ހިނގާނެ ގޮތަކީ އަޅުގަނޑުމެން ކޯޓަށް މިހާރު ހުށަހަޅާފައި އޮންނާނީ އެ އެއްބަސްވުމާއި އެއްކޮށް. ދެން ކޯޓުން ބައްލަވަން ޖެހޭނީ އެ އެއްބަސްވުމުގައި ބުނާ ކަންތައްތަކަށް ދެ ފަރާތުން އެއްބަސްވޭތޯ ބައްލަވާފައި އެއާ އެއްގޮތަށް އަދަބު ދިނުމުގެ ކަންތައް ކުރިއަށް ގެންދަވާނީ،" ޝަމީމް ވިދާޅުވި އެވެ.
އިއުތިރާފުގެ އެއްބަސްވުމުން ހެދި ނަމަވެސް އަދުހަމްގެ މައްޗަށް ހަތަރު ދައުވާ އެއް ވަނީ އުފުލާފަ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން އުޅުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުން އަދި ތޫން އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބެނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ކުށުގެ ދައުވާ އެވެ.
އެ ހަތަރު ދައުވާ އަދުހަމްގެ މައްޗަށް ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން 23 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އަދުހަމްއަކީ ނަޝީދަށް އަމާޒުކޮށްގެން ގޮއްވާލި ބޮން ގޮއްވާލުމަށް ރިމޯޓަށް ފިތާލި މީހާ އެވެ. އޭނާ އެކަންކޮށްފައިވަނީ ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ހުންނަ ގޯޅި ކުރިމަތީގައި، މަޖީދީ މަގުގެ އަނެއް ފަރާތުގައި ހުރި އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ އެވެ. ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވުމާ އެކު ބޮން ގޮއްވާލުމަށް ފަހު އަދުހަމް އަތަމާ ޕެލަސް އިން ނިކުމެ ވަނީ ދުވެެފައި ގޮސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު