ކިޔަވައިދޭ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ، މަޑުއްވަރީ ސްކޫލްގެ ޓީޗަރު ސަސްޕެންޝަން އުވާލައި އަލުން ވަޒީފާ އަށް ނިކުތުމުގެ ހުއްދަ ދީފި ކަމަށް އެ ޓީޗަރު ބުނެފި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރި ޓީޗަކީ މުއީން ހަސަން އެވެ. މި މައްސަލަ ފެންމަތިވީ މިއަހަރުގެ އެޕްރީލް މަހުގަ އެވެ. އޭގެ ފަހުން އެ މައްސަލަ ބަލައި ނިމެންދެން އެޑިޔުކޭޝަނުން ވަނީ މުއީން ސަސްޕެންޑް ކޮށްފަ އެވެ. ތިން މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު މުއީންގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހު ކަމަށް މުއީން ބުނެ އެވެ.

"ވަން" އަށް މައުލޫމާތު ދެމުން މުއީން ބުނީ މިހާރު އޭނާގެ ސަސްޕެންޝަން އުވާލައި ސްކޫލް މަސައްކަތަށް އަލުން ނިކުތުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ދިރާސީ އާ އަހަރުގައި އޭނާ ކަޔަވައިދިނުމަށް ސްކޫލަށް ނިކުންނަން ތައްޔާރު ވެފައިވާ ކަމަށެވެ.

"މިދިޔަ މަހުން ފެށިގެން ސަސްޕެންޝަން އުވާލީ. އެހެންވީމަ ކިޔެވުން ފެށުނީމަ ކިޔަވައިދޭން ނިކުމެވޭ ގޮތަށް އަދި ހުއްދަ ދީފަ އޮތީ" އޭނާ ބުންޏެވެ.

މުއީން ބުނީ އޭނާ އަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށާއި އޭނާ އަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ. މައްސަލަ ކުރިއަށްދާ ކަމެއްވެސް ނޭނގޭ ކަމަށާއި މިހާތަނަށް ފުލުހުން އޭނާއާ އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.

މަޑުއްވަރީން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިއީ ހިނގި ކަމެއް ކަމަށެވެ. އަދި އަނެއްބަޔަކު ބުނަނީ މިއީ މުއީން ބަދުނާމު ކުރުމަށާއި ޒާތީ ހަސަދައެއް ފިލުވައިލުމަށް ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު އޮތީ ކިހާ ހިސާބެއްގައިތޯ ބެލުމަށް ފުލުހުންނާ "ވަން" އިން ސުވާލު ކުރުމުން އަދި ވަނީ ޖަވާބު ލިބޭ ގޮތް ނުވެފަ އެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.