ޓޮޓެންހަމްގެ ތަރި ހެރީ ކޭން، އެޓީމުގެ ތަމްރީނުތަކަށް ނުނިކުމެ މަޑުކޮށްފިއެވެ.

ކޭން ޓޮޓެންހަމް ދޫކޮށްލަން ގަސްދުކުރާ ކަމަށް އޭނާ ކުރިން ބުނެފައިވާއިރު، ބެލެވޭ ގޮތުގައި ތަމްރީނުތަކަށް ނުނިކުމެ މަޑުކުރީ ޓްރާންސްފާއަކަށް ފުރުސަތު ފަހި ކުރުމަށެވެ. ޗުއްޓީއަށްފަހު ކޭން ޓޮޓެންހަމްގެ ތަމްރީނުތަކަށް ނުކުންނަން އޮތީ އިއްޔެ ނަމަވެސް އޭނާ ސްޓޭޑިއަމްއަށް ނުކުމެފައެއް ނުވެއެވެ.

އުމުރުން 28 އަހަރުގެ ކޭން ޔޫރޯއަށްފަހު ތިން ހަފުތާގެ ޗުއްޓީއަށް ގޮސްފައިވާއިރު، އޭނާ ތަމްރީނުތަކަށް ނުނިކުތުމުން ސްޕާސްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ބީބީސީން ބުނެފައިވާ ގޮތުގައި ކޭން ވަނީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީއަށް އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް އަންގާފައެވެ.

ކޭން ގެންދަން އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ ކްލަބަކީ އެންމެފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. ސިޓީން ޓްރާންސްފާ ސީޒަންގައި ހަރަދުކުރުމަށް ތައްޔާރުވަމުން އަންނައިރު، ކޭން ހޯދުމަށް 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. ސިޓީން ވަނީ އެސްޓަން ވިލާގެ ޖެކް ގްރީލިޝް ހޯދުމަށްވެސް 100 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައެވެ.

ކޭންއަކީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ޕްރިމިއާ ލީގު ދުށް އެންމެ ކާމިޔާބު އެއް ފޯވަޑެވެ. އޭނާ މިދިޔަ ސީޒަންގައިވެސް 23 ގޯލް ޖަހައި ރަން ބޫޓު ހޯދާފައިވާއިރު، އޭގެ ކުރިން 2015-16 އަދި 2016-17 ވަނަ އަހަރު ސީޒަންގައިވެސް ކޭން ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދައިފައެވެ.

ޓޮޓެންހަމްއަށް ކޭން ވަނީ 221 ގޯލް ޖަހައިދީފައެވެ. އޭނާއަކީ އެ ކްލަބުގެ ތާރީހުގައިވެސް ދެވަނައަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. މި ސީޒަންގައި ސްޕާސްއަށް އިރުޝާދު ދޭނީ ނޫނޯ އެސްޕިރިޓޯ ސަންޓޯއެވެ.