"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ އަބުދުﷲ ކަމާލުއްދީނަށް ދޭން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ރަޖިސްޓްރީކުރަން ކަމާލުއްދީން އެންމެ ފުރަތަމަ ހުށަހެޅުއްވި ފޯމު ބާތިލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އޭނާގެ ނަން އޮތުމުންނެވެ.

ކަމާލުއްދީން ވަނީ އެމްއާރްއެމްގެ ދަފުތަރުން އޭނާ ވަކި ނުކުރާކަން އެނގިފައިނުވާ ކަމަށް ވިދާޅުވެ، ޕާޓީން ވަކިކޮށްދިނުމަށް އެދި ހުށަހަޅައިފައެވެ. އަދި އޭނާ އެ ޕާޓީން ވަކި ކުރުމުން، އަލުން ފޯމު ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ "ވަން" އަށް ވިދާޅުވީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ކަމާލުއްދީނަށް ދޭން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައިވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އާ ގަރުނެއް ފެށި، 21 އަހަރު ވެގެން ދިޔަ އިރުވެސް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބި، އަބަދުވެސް މައްސަލަގަނޑެއްގައި ގައުމު އުޅެން ޖެހިފައިވާތީ، އެކަންކަމަށް އަޑު އުފުލައި ހައްލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ކަމާލުއްދީން މީގެ ކުރިން ވިދާޅުވީ، އާ ސިޔާސީ ޕާޓީން ސިޔާސީ ބޭފުޅުންގެ އިތުުރުން ޒުވާނުންވެސް ފެނިގެންދާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އެޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުއްދަ ދިންހާ އަވަހަކަށް ޕާޓީ އުފެއްދުމުގެ ރަސްމީ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ. ނަމަވެސް ނުރަސްމީކޮށް އެކަމާބެހޭ ގޮތުން މީހުންނާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށާއި އާ ސިޔާސީ ޕާޓީއަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

ކަމާލުއްދީން އެންމެ ފަހުން ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރުއެމްގައެވެ. އެޕާޓީން އޭނާ ވަކިވެވަޑައިގުމަށް ނިންމެވީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.