ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން ޖަލަށް ބަދަލުކުރުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން މިރޭ "ވަން" އަށް ވިދާޅުވީ، ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލު ކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖަލަށް ބަދަލު ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަށް އަދި ވަކި ސީދާ ތާރީހެއް ދަންނަވަން ދަތި. ނަމަވެސް އެކަމުގެ މަޝްވަރާތައް އެބަ ކުރިއަށްދޭ ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން،" ޔުސްރީން ވިދާޅުވިއެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.

މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅިގެންވެސް ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.