ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ނޫމަޑިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ޑރ. މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުސް އޮފީހަށް އެންގީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. އެ މައްސަލައިގައި ޑރ. މުއިއްޒު ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ވެސް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.

ޑރ. މުއިއްޒުގެ މައްޗަށް ދައުވާކުރަނީ ޖޫން 25، 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާ ކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާތީއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ބާއްދާގެ (ބ)ގެ ދަށުން ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.