ފުވައްމުލަކު ސިޓީން ފެނާއި ކަރަންޓް ކެނޑިއްޖެ އެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް މިއަދު 'ވަން' އަށް ވިދާޅުވީ، އެ ސިޓީން ކަރަންޓް ކެނޑިފައިވަނީ ރޭ ފަތިހު ކަމަށާއި އެއާ އެކު ފެނުގެ ހިދުމަތް ވެސް ކެނޑިފައިވާ ކަމަށެވެ.
ކަރަންޓް ކެނޑިފައިވަނީ އިންޖީނުގެ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަން ފާހަގަކުރައްވައި ރަފީގް ވިދާޅުވީ، ރަށުގެ 80 އިންސައްތަ ތަންތަނުގައި ކަރަންޓް ނެތް ކަމަށެވެ.
އެކަމާ ގުޅިގެން ފުވައްމުލަކު ސިޓީއަށް ކަރަންޓްގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ، 2500 ކިލޯ ވޯޓްގެ ޓްރާންސްފޯމަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސިޓީން ކަރަންޓް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލު ކުރުމަށް އައްޑޫ ސިޓީން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލަ ހައްލު ކުރުމަށްޓަކައި 10-12 ގަޑިއިރު ނަގާނެ ކަމަށް އަންދާޒާ ކުރެވޭ،" ފެނަކަ އިން ބުންޏެވެ.
މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ފުވައްމުލަކަށް ކަރަންޓްގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު