ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރަން ހަމަޖެހިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު 'ވަން' އަށް ވިދާޅުވީ، މެންދުރު 2:00 އިރު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ޗިޓް ފޮނުއްވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ޔާމީން ހާޒިރު ކުރަނީ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމަށް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ވެެސް ހާޒިރުކޮށްފަ އެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ އިތުރު ދައުވާއަކާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމަށެވެ.
ރައީސް ޔާމީން އެންމެ ފަހުން ފުލުހަށް ހާޒިރުކޮށްފައިވަނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ، ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރިއަށް ގެންދިޔަ ތަހުގީގީ ބަޔާންތަކުގައި ސޮއިކުރުމަށް ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު