ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ސަރުކާރު ނޭވާ ހޮޅިއަށް އެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހާޒިރުވާން ޔާމީނަށް އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.
އެކަމާ ގުޅިގެން ސައީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ދައްކާހާ ބިރަކަށް ގައުމު ދޫކޮށް ފިލާނެ ބޭފުޅެއް ނޫން ކަމަށެވެ.
"މި ފެންނަނީ ސަރުކާރު ނޭވާ ހޮޅިއަށް އެޅެމުންދާތަން. ރައީސް ޔާމީނަކީ ރައީސް ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ދައްކާހާ ބިރަކަށް ގައުމު ދޫކޮށް ފިލަން ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. ރައީސް ސޯލިހަށް އެނގިވަޑައިގަންނަވަންވީ އިންތިހާބުގައި ވޯޓު ލާނީ ބޭރު ރައްޔިތެއް ނޫންކަން،" ސައީދުގެ ޓުވީޓުގައިވެއެވެ.
މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް މިރޭ "ވަން" އަށް ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީނާ ސުވާލު ކުރަން ބޭނުންވާތީ، އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެކަމާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ނިޔަތަކީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުން ކަމަށެވެ. މިއަދު މަރު ކޮމިޝަން ވެސް ހޭލައިފި ކަމަށާއި އެ ކޮމިޝަންވެސް ފެއިލްވުމުން އައްޑަނައަކަށް ހަދަނީ ރައީސް ޔާމީން ކަމަށްވެސް ވިދާޅުވިއެވެ.
"ތިނެއް އޯގަސްޓުގައި ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވުމަށް މިއަދު އަންގައިފި. މި ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން،" ޖަމީލް ވިދާޅުވިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް މިރޭ ވަނީ އެކަމާ ގުޅިގެން ޓުވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާއި ބިރު ދެއްކުން ދަނީ އިތުރުވަމުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. ކޮންމެ ކަމަކާވެސް ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު،" އަދުރޭގެ ޓުވީޓުގައިވެއެވެ.
ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރުތައް ބަލާ ކޮމިޝަނުން މީގެ ކުރިން އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުން އޭނާ ހުޅުމާލެއިން ގަދަކަމުން ކާރަކަށް އަރުވައިގެން ޑިންގީއަކަށް އެރުވިއެވެ. އެއަށް ފަހު ދޯންޏަކަށް އަރުވައި ދަލެއްގައި އޮޅާލުމަށް ފަހު ޝަހާދަތް ކިޔުވައި ކަރު ބުރިކޮށްލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު