މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުން އިސްކަންދޭ ކަންކަމާ ބެހޭގޮތުން ބައިނަލްއަގުވާމީ ޕާޓްނަރުންނާއެކު، ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ކޮޕް 26ގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސްރީލަންކާގައެވެ. ކޮޕް 26ގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން 12 ވަނަ ދުވަހަށް އިނގިރޭސިވިލާތުގެ ގްލަސްގޯގައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ސަބްރާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އެގޮތުން ދުނިޔޭގެ ފިނިހޫނުމިން މަތިވާ ނިސްބަތް 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބެހެއްޓުމުގެ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި އެޑެޕްޓޭޝަންގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމާއި އެޑެޕްޓޭޝަންނަށް ހުރި ފުރުސަތާ ގުޅޭ މައުލޫމާތު ލިބޭގޮތަށް ކަންކަން ފަހިވެފައި އޮތުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސަބްރާގެ އަރިހުގައި މި ބައްދަލުކުރެއްވުންތަކުގައި، ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ބައިވެރިވެވަޑައިގެންނެވިއެވެ.

ސަބްރާ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި ނޭޕާލުގެ ޗާޖް ޑި އެފެއާޒްއާއި ނެދަލެންޑްސް، އަފްޣާނިސްތާނު، ވިއެޓްނާމް، އެމެރިކާ، ކޮރެޔާ، ޖަރުމަން، ފްރާސް، ސްވިޒަލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ޑެލިގޭޝަންގެ އިތުރުން ސްރީލަންކާގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ސެކްރެޓަރީ ޑޮކްޓަރު އަނިލް ޖަސިން ހިމެނިވަޑައިގަންނަވައެވެ.