ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މި ދެ ދައުވާގެ ޝަރީއަތް ވެސް ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 09:00 އަށެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

މި ދެ ދައުވާގެ އަޑުއެހުންތަކެއް މީގެ ކުރިންވެސް ވަނީ ބާއްވައިފައެވެ. ނަމަވެސް އެންމެ ފަހުން ހުސްވި މެއި މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކުރި ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

އެގޮތަށް އެދިވަޑަިގެންނެވި ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ، އެމަނިކުފާނަކީ 55 އަހަރުން މަތީގެ ހައި ރިސްކް ބޭފުޅެއް ކަމަށާއި ކޮވިޑާއި ގުޅިގެން އެ ފަދަ ފަރާތްތަކަށް ލުއި ދިނުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އެންގުމާއި އެއްގޮތަށް އެދުވަހުގެ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާތީ ކަމަށެވެ.

އޭގެކުރިން ބާއްވާފައިވާ މި ދެ މައްސަލައިގެ އަޑުއެހުންތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ، ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ އެ ދެ ދައުވާގެ ބައެއް ލިޔެކިޔުންތައް ރައީސް ޔާމީނަށް ނުލިބުމާއި، ރައީސް ޔާމީންގެ ވަކީލުންނާއި އެމަނިކުފާނާ ބައްދަލު ކުރުމުގައި ހުރި ދަތިތަކަކާ ބެހޭ ގޮތުން ހުރި ޝަކުވާތަކެއް ހައްލުކުރުމަށް ދެ ފަރާތުގެ ވާހަކަދެއްކުންތަކެކެވެ.

ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރުމަށް، ހެކިން ދީފައިވާ ބަޔާންތަކަކީ ދޮގު ބަޔާންތަކެއްކަން ޝަރީއަތުގެ މަޖިލީހުގައި ސާބިތު ކޮށްދެއްވާނެކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، އެއާ ނުލައި ދިފާއު ބިނާ ނުކުރެވޭ ވަރުގެ މުހިއްމު ލިޔުންތަކެއް، އެފަރާތަށް ލިބިފައި ނުވާ ކަމަށާއި އެ ލިޔުންތައް ނުދީ ދައުލަތުން ހިފަހައްޓާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށް ޓަކައި ބޭނުންކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.

މި ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކުރާއިރު، މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.