"ނޭނގެ ވީ ތަނެއްވެސް... އެކުއްޖާއަށް ވީ ގޮތެއް ވެސް ގެއްލުނީ ކިހިނެއް ކަމެއްވެސް. މަސްތުވާތަކެތި ބޭނުމެެއް ނުކުރާނެ. މީހަކަށް އުނދަގުލެއް ވެސް ނުކުރާނެ."

މިއީ މީގެ ތިން ދުވަސް ކުރީން ގެއްލިފައިވާ އދ. ކނބުރުދޫ، ފެހިގެ، އަހުމަދު ނައުފަލް (26އ) އާ ގުޅޭ ގޮތުން އާއިލާގެ މެންބަރަކާ ވަން އިން ސުވާލު ކުރުމުން ވާހަކަ ފެށި ގޮތެވެ.

ނަންް ނުޖެހުމަށް އެދި އޭނާ ބުނީ ނައުފަލް އަކީ އޭނާގެ ބައްޕަގެ އަމިއްލަ ދޯނީގައި ކަންނެލި މަސްވެރިކަމަށް ދާ މީހެއް ކަމަށެވެ. އޭނާ ހުޅުމާލެއަށް ފޭބީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ކަމަށާއި އޭނާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށްވެސް ދައްކާފައިވާ ކަމަށެވެ.

އެމީހާ ބުނީ މާލެ ފޭބުމަށްފަހު ދޯންޏަށް އެރޭނީ ވެކްސިން ފުރިހަމަ ކުރުމުން ކަމަށްވާތީ ނައުފަލް ދެވަނަ ޑޯޒް ޖެހި ކަމަށެވެ. އަދި 14 ދުވަސް ފަހުން ދޯންޏަށް އަރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

"ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ދޯންޏަށް އެރޭނެ ކަމަށް ބުނީމަ ނައުފަލް ދެވަނަ ޑޯޒް ޖެހީ. ދެން 14 ދުވަސްވީމަ ދޯންޏަށް އަރަން ހުރީ. އެ ދޯންޏަކީ އެމީހުންގެ ގޭ ދޯންޏެއް. އޭނަގެ ބައްޕަ އެ ދޯނި ދުއްވަނީވެސް." އޭނާ ބުންޏެވެ.

ނައުފަލް ޑޮކްޓަރަށް ދެއްކުމަށް ހުޅުމާލޭގައި މަޑުކޮށްގެން ހުރީ ނިރޮޅުމަގުގައި ހުންނަ ގެސްޓްހައުސްއެއްގައި ކަަމަށްވެސް އާއިލާގެ މެންބަރު ބުންޏެވެ.

ނައުފަލް ގެއްލިގެން އާއިލާއިން އޭނާ ހޯދަމުންދާތާ ތިން ދުވަސް ވެފައިވާއިރު އޭނާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށްވެސް އެދިފަ އެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ ނައުފަލްއާ ބަޔަކު މައްސަލަ ޖެހޭނެ ސަބަބެއް އޮންނާނެ ކަމަށް ގަބޫލު ކުރަން ދަތި ކަަމަށާއި ނައުފަލް އަކީ ދުވަހަކުވެސް މަސްތުވާ ތަކެތި ބޭނުން ކުރި މީހެއް ނޫންކަން ޔަގީންކަމާއެކު ބުނަން އެނގޭ ކަމަށެވެ.

ނައުފަލްގެ ފޯނުން އެންމެ ފަހުން އޮންލައިން ވެފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ ފޯނު އެދުވަހުން ފެށިގެން ނިއްވާލާފައިވާއިރު އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލޭ ރެޑްބުލް ޕާކް ކައިރީން ދަބަހެއް އަޅއިގެން ދިޔަތަން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ނައުފަލް ގެއްލިގެން ހޯދަމުން އަންނައިރު މިފަހުން އާއިލާއިން ގެއްލިގެން ހޯދި ޒުވާނަކު ވަނީ ޑްރަގް ނެޓްވޯކެއްގެ ޝިކާރައަކަށް ވެ ރަހުނެއްގެ ގޮތުގައި ދުބާއީއަށް ގެންގޮސްފަ އެވެ. އަދި މިފަހުން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖަކު މަރާލާފައި އޮއްވައި ވެސް ވަނި ފެނިފަ އެވެ.