ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމާ އަލުން ގުޅިއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މުހައްމާ ވަނީ އެޕާޓީއާ ގުޅިވަޑައިގެންފައެވެ. މިއީ އޭނާ އެ ޕާޓީއަށް ގުޅިވަޑައިގެންނެވި ދެވަނަ ފަހަރެވެ.
އޭނާ ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ 2014 އިން 2019 އަށް ހިނގި މަޖިލީހުގެ 18 ވަނަ ދައުރުގައި ޕީޕީއެމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
މިރޭގެ ރަސްމިއްޔާތުގައި މުހައްމާ ވިދާޅުވީ ރައީސް ޔާމީން ދޫކޮށް، އެހެން ވިސްނުމަށް ދިއުމަކީ ހެދުނު އެންމެ ބޮޑު ގޯސް ކަމަށެވެ. އެކަމަށްޓަކައި ރައީސް ޔާމީނާއި އޭނާގެ ދާއިރާގެ ރައްޔިތުންނާއި ޕީޕީއެމްގެ މެމްބަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
މިއަދު އަލުން ޕީޕީއެމާ ގުޅެން އެންމެ ބޮޑު ހިތްވަރެއް ލިބުނީ ޔާމީންގެ ފަރާތްޕުޅުން ކަމަށާއި އަނެއްކާވެސް މަސައްކަތް މިފަށަނީ ރައީސް ޔާމީނާ މިގައުމު ހަވާލުކުރުމަށް ކަމަށާއި އެކަން ކުރުމަށްފަހު ނޫނީ ނުހުއްޓާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ގައުމުގެ ގިނަ ރައްޔިތުން ރައީސް ޔާމީން ކޮށްދެއްވި ކަންކަން އަގު ވަޒަން ކުރަމުންދާ ކަމަށާއި މިއަދު އެންމެންވެސް ބޭނުންވަނީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުން ކަމަށެވެ. އެކަން ކުރުމަކީ އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ގައުމަށް ގެނައިހާ ތަރައްގީއެއް ގެނައީ ރައީސް ޔާމީން ކަމަށާއި އެކަމަށް އެމަނިކުފާނަށް ސެލިއުޓް ކުރާ ކަމަށެވެ. އަދި އެފަދަ އިތުރު ލީޑަރެއް އަތް ފުނާ އަޅައިގެންވެސް މި ރާއްޖެއިން ފެނިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އިހުލާސްތެރިކަމާއެކު ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށާއި 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވާނީ ރައީސް ޔާމީން ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.
މުހައްމާ މިރޭ ޕީޕީއެމަށް ސޮއި ކޮށްފައިވާ އިރު، މިމަހުގެ 19 ވަނަ ދުވަހު ވަނީ ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު