ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް އިމާރާތް ކުރަން ވަރަށް އަހަށް ބީމަލަށް ހުޅުވާލާނެ ކަމަށް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް "ވަން"އަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ހިދުމަތްތައް ހޯދުމަށް ކަނޑު ހުރަސްކޮށް ވިލިމާލޭގެ ރައްޔިތުން މާލެ އަންނަން ޖެހުމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ވިލިމާލޭގައި ސިޓީ ކައުންސިލްގެ އޮފީހެއް އިމާރާތް ކުރަން ސްޓެޓިޖިކް އެކްޝަން ފްލޭންގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސްޓެޓިޖިކް އެކްޝަން ޕްލޭންގައި އިންނާނެ ވިލިމާލޭގައި ސިޓީ ކައުންސިލްގެ ރަސްމީ އޮފީހެއް ގާއިމް ކުރުމުގެ މަސައްކަތް. އެއީ ވިލިމާލޭގެ ރައްޔިތުން މާލެ ނައިސް ވިލިމާލެއިން ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތްތައް ލިބޭނެ މަގުފަހިކޮށްދިނުމަށް ކުރާ ކަމެއް. އެއިރުން ވިލިމާލޭގެ ރައްޔިތުން ސިޓީ ކައުންސިލްގެ ހިދުމަތް ހޯދަން ކަނޑު ހުރަސްކޮށްފަ މާލެ އަންނަމުންދާ ދިޔުން ނިމުމަކަށް އަންނާނެ،" ނަރީޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިމާރާތް އަޅާނެ ސަރަހައްދު މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކައުންސިލުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އެ އިމާރާތް ނިންމައި ހިދުމަތް ފެށުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލެއެކޭ އެއްގޮތަށް ވިލިމާލެ ވެސް ޒަމާނީ ސިޓީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސިޓީ ކައުންސިލުން ކުރާނެ ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
"ޒަމާނީ ސިޓީއެއްގެ ކުލަ ވިލިމާލޭގައި ޖެއްސުމަށްޓަކައި ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް ސްޓެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާނެ،" ނަރީޝް ވިދާޅުވިއެވެ.
މީގެއިތުރުން ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފެށުމަށް ނިންމައި މިހާރު ވަނީ އިއުލާންކޮށްފައެވެ.
ސިޓީ ކައުންސިލުން އިއުލާންކޮށްފައި ވަނީ އަމިއްލަ ތަކެތީގައި އެ ކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށެވެ.
ކުޑަކުދިންގެ ޕާކު ގާއިމުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ އޮގަސްޓުމަހުގެ 22 ވަނަ ދުވަހު މައުލޫމާތު ސާފުކުރަންޖެހޭނެއެވެ. ލޯކަލް މާރުކޭޓް ގާއިމުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ އޮގަސްޓުމަހުގެ 18 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު، 25 ވަނަ ދުވަހު ބިޑް ހުށަހަޅަން ޖެހޭނެއެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ހާޒިރުވަން އެ ކައުންސިލުން ވަނީ އާންމުކޮށް އަންގައި އިއުލާންކޮށްފައެވެ.
ވިލިމާލެ
ވިލިމާލެ
ވިލިމާލެ