ވިލިމާލޭގައި ޒަމާނީ ފެންވަރުގެ އާ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު ހިންގަމުންދާ ވިލިމާލެ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކެއް މި މަހުގެ މެދުތެރޭގައި ވަގުތީ އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮސްޕިޓަލުގެ ހިދުމަތްތައް ދެން ކުރިއަށްގެންދާނީ ކުރީގެ އަމާން ހިޔާ އިމާރާތުގައި ކަމަށެވެ. އެގޮތުން އެ އިމާރާތުގައި ލިފްޓު ހަރުކުރުމާއި އެހެނިހެން ފިނިޝިން މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ހޮސްޕިޓަލް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އާންމު ރައްޔިތުންނަށް ދަތިނުވާނޭހެން އެކި ފިޔަވަހިތަކަށް ބަހާލައިގެންންކަމަށް ހަލީމް ވިދާޅުވިއެވެ. އެންމެ ފުރަތަމަ ފިޔަވަހީގައި ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ކުއްލި ފަރުވާ ނުވަތަ އިމަޖެންސީ ހިދުމަތްތަކާއި، ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތްތަކުގެ އިތުރުން ވެކްސިން ދިނުމުގެ ހިދުމަތް ކަމަށެވެ.
ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. އެ މަޝްރޫއުގެ ޑިޒައިން މަސައްކަތުގެ އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.
އެ މަޝްރޫއާ ގުޅޭގޮތުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މީގެކުރިން ވިދާޅުވެފައިވަނީ، މިއަހަރުގެ މެދުތެރޭގައި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
އަދި އެ މަސައްކަތް ނިމިގެންދާއިރު ވިލިމާލޭގެ ރައްޔިތުންނަށް ބޭނުންވާ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތްތަކެއް އެ ހޮސްޕިޓަލުން ލިބިގެންދާނެކަމަށް މުއްތަލިބު ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް
ކޮމެންޓް