ޚަބަރު

އަމިއްލަ ތަކެތީގައި ވިލިމާލޭގައި ލޯކަލް މާރުކޭޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ރިފާ ހަލީލު

ވިލިމާލޭގައި އަމިއްލަ ތަކެތީގައި ލޯކަލް މާރުކޭޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިލިމާލޭގައި ލޯކަލް މާރުކޭޓެއް ހެދުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށް އެ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް އަންނަ މަހުގެ 18 ވަނަ ދުވަހު ދިއުމަށް ވަނީ އެދިފަ އެވެ. އަދި އަގު ހުށަހެޅުމަށް އަންނަ މަހުގެ 25 ވަނަ ދުވަހު އެ ސެކްޝަނަށް ދިއުމަށްވެސް ވަނީ އެދިފަ އެވެ.

މީގެ ކުރިން ވިލިމާލޭގައި ހުރި ލޯކަލް މާރުކޭޓު ހުސްކޮށް އެތަން ނެގުމުން އެކަމާ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭގެ ފަހުން އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު ވިލިމާލޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ތަރުކާރީ އާއި މެވާ ހެޔޮ އަގެއްގައި ލިބެމުން ނުދާތީ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.