އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންނަށްވެސް އެކޮމޮޑޭޝަން އެލަވަންސް ދޭނަމަ، ފެންވަރު ރަނގަޅު ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ ދިރާސީ އަހަރު ފެށޭއިރު ބިދޭސީ ޓީޗަރުންނާ އެއްގޮތަށް، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންނަށް ކެއުމާއި އެކޮމޮޑޭޝަން އެލަވަންސް ދޭ ގޮތަށް އުސޫލު ބަދަލުކުރަން ޖެހޭ ކަމަށެވެ.
"އުސޫލު ބަދަލުކޮށްފި ނަމަ ފެންވަރު ރަނގަޅު ދޭސީ ޓީޗަރުން ލިބޭނެ. ގައުމީ މަންހަޖުގެ ނަތީޖާ ނެރެން މާބޮޑަށް ފަސޭހަވާނެ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިގޮތަށް ވިދާޅުވެފައިވާ އިރު، އިންޑިއާ އިން ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން ގެނައި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު ރާއްޖެ އައިސްފައިވާ އިރު، އެމީހުން ފޮނުވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ބުނެގެން ކަމަށް "ދަ ހިންދޫ" ނޫހުގައިވެއެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކެރެލާއިން ފަސް އަރަބި ޓީޗަރުންނާއި ގުރުއާން ޓީޗަރުން ގެނެސްފައިވަނީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން އިންޑިޔާގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ، ނޯކާ ރޫޓްސް މެދުވެރިކޮށް ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާ ވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދިނުމަށް ނިންމީ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު