ޚަބަރު

ނަޝީދު، ޗައިނާއަށް: ކަނޑުތަކުގެ ގާނޫނުތަކަށް ހުރިހާ ގައުމަކުން އިހުތިރާމު ކުރަންޖެހޭ

އަލީ އަފާފް ރަމީޒު

ރާއްޖެއަކީ ޖަޒީރާ ގައުމެއް ކަމަށާއި އެހެންކަމުން ކަނޑުތަކުގެ ގާނޫނުތަކަށް ހުރިހާ ގައުމަކުން އިހުތިރާމު ކުރަން އެދޭ ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއަށް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައުތު ޗައިނާ ކަނޑުގައި އޮންނަ ސްޕްރަޓްލީ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ދަތުރުފަތުރު ކުރުމުގެ ހައްގު ހިމާޔަތް ކުރުމަށް އެ ކަނޑަށް އިނގިރޭސި މަނަވަރުތައް ވަނުމަކީ މިނިވަން ދުވަހު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ.

މިކަމާ ގުޅިގެން، ޗައިނާ އެމްބަސީން ކުރި ޓުވީޓުގައި ބުނެފައި ވަނީ ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ޗައިނާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރުމުގެ މިނިވަން ކަމަށް އެ ގައުމުންވެސް އިހުތިރާމު ކުރާ ކަމަށެވެ. ނަމަވެސް ޗައިނާގެ އިސްތިގުލާލާއި ސަލާމަތަށް ނުރައްކާ ކުރަނިވި އަދި ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ނަގާލަނިވި އަމަލުތަކަށް ހިތްވަރު ދިނުމަކީ އެގައުމުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއް ކަމަށްވެސް ބުންޏެވެ.

ޗައިނާގެ އެމްބަސީގެ ރައްދާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކީ ޗައިނާއިން އެ ސިފަކުރި ޒާތުގެ މަންޒަރެއް ދެކެން ބޭނުން ވާނެ މީހެއް ނޫން ކަމަށެވެ.

ނަމަވެސް ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި، ކަނޑުތަކުގެ ގާނޫނުތަކަށް ހުރިހާ ގައުމަކުން އިހުތިރާމު ކުރުމަށް ރާއްޖެއިން އެދޭ ކަމަށެވެ. އަދި އެކަން ޗައިނާގެ ސަފީރަށް ފަހުމްވެވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެޗްއެމްއެސް ކުއީން އެލިޒަބަތު ނަމަކަށް ކިޔާ އެއާ ކްރާފްޓް ކެރިއަރަކާއި އެ ކެރިއަރާއެކު ދަތުރުކުރާ ސްޓްރައިކް ގްރޫޕްގެ މަނަވަރުތައް ޗައިނާގެ އިންޒާރުތަކަށް ބެލުމެއް ނެތި، މި ހަފުތާގައި ވަނީ ޗައިނާ އިން މިލްކުވެރިކަމަށް ދައުވާކުރާ ސައުތު ޗައިނާ ކަނޑަށް ވަދެފައެވެ. އެ ކެރިއަރާއެކު އިނގިރޭސި ރޯޔަލް ނޭވީގެ ހަ މަނަވަރަކާއި ސަބްމެރިންއަކާއި އެމެރިކާގެ މަނަވަރަކާއި ނެދަލޭންޑްސްގެ މަނަވަރެއް ދަތުރު ކުރެއެވެ.

ސައުތު ޗައިނާ ކަނޑަށް އެ މަނަވަރުތައް ވަނީ އެހެން ގައުމުތަކުގެ އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހައްގު ކަށަވަރު ކުރަން "ފްރީޑޮމް އޮފް ނެވިގޭޝަން" އޮޕަރޭޝަނެއްގައެވެ.