ސެވިއްޔާއަށް ކުޅެމުން އަންނަ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭ ގެންދިޔުމުގެ މަޝްވަރާތަކުގައި ޗެލްސީން ކުރިއެރުންތަކެއް ހޯދައިފިއެވެ.
ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ކޫންޑޭ ގެންދިޔުމަށް ރަސްމީ މަޝްވަރާތައް އިއްޔެ ވަނީ ފަށާފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ކޫންޑޭ ހުރީ ޗެލްސީއަށް ދާން ތައްޔާރަށެވެ. މިހާރު މަސައްކަތް ކުރަނީ ދެ ކްލަބުން އެއްބަސްވާ އަގަކަށެވެ. ކޫންޑޭގެ ޓްރާންސްފާ ފީ ކުޑަކުރުމަށް ޗެލްސީން ކާޓް ޒޫމާ ސެވިއްޔާއަށް ހުށަހެޅުމަށް ތައްޔާރުވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކޫންޑޭ ހޯދަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ ޓޮޓެންހަމް އިންނެވެ. ޓޮޓެންހަމް އިން އޮތީ ކޫންޑޭ ގެންނަން 25 މިލިއަން ޕައުންޑާއި ޑަވިންސަން ސަންޗޭޒް ދޭން ތައްޔާރަށެވެ. އެ ޑީލަށް ސެވިއްޔާ އިން އެއްބަސްވި ނަމަވެސް ކޫންޑޭ ދެކޮޅު ހެދި އެވެ. އެއީ ޓޮޓެންހަމް ޗެމްޕިއަންސް ލީގުގައި ނުކުޅޭނެތީއެވެ.
ފްރާންސްގެ ބޯޑޯ ބީ ޓީމުން ކެރިއަރު ފަށައި ފަހުން ސީނިއާ ޓީމަށް ވެސް ކުޅުނު ކޫންޑޭ ސެވިއްޔާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ސެވިއްޔާ އިން ވަނީ ކޫންޑޭގެ ސޮއި ހޯދަން 22 މިލިއަން ޕައުންޑްގެ ފީ އެއް ދައްކައިފަ އެވެ. މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީން 20 މިލިއަން ޕައުންޑަށް ކޫންޑޭ ގަންނަން ސެވިއްޔާއާ ވާހަކަ ދެއްކި ނަމަވެސް އެ ޓީމުން އެ ގޮތަށް އެއްބަހެއް ނުވިއެވެ.
މި ޓްރާންސްފާ ސީޒަންގައި މިހާތަނަށް ޗެލްސީން ބޮޑަށް ބަލައިފައިވަނީ ކުޅުންތެރިން ވިއްކުމަށެވެ. އެހެންނަމަވެސް އެޓީމުން މިހާރު ކުޅުންތެރިން ގެންދަން މަސައްކަތް ކުރާ ކަމުގެ ސިގްނަލްތައް ވަނީ ލިބިފައެވެ. ބެލެވޭ ގޮތުގައި ކޫންޑޭއަށްފަހު ޗެލްސީން ދެން މަސައްކަތް ފަށާނީ ޑޯޓުމަންޑުގެ އާލިން ހާލަންޑް ގެންދިޔުމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު