މީގެ ތިން އަހަރު ކުރިން 2017 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު އިރާކޮޅު، ގަލޮޅު ދަނޑު ތިރީގައި ހުންނަ ރެޑްވޭވް ފިހާރައިން ސެންޓްފުޅިއެއް ވަގަށް ނަގައިގެން ނިކުންނަން އުޅުނު މީހަކު 18،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ތ. ވިލުފުށީ، އުމުރުން 36 އަހަރުގެ މުހައްމަދު މިހާދު ނަމަކަށް ކިޔާ އެ މީހާ، ރެޑްވޭވް ފިހާރައިން އަރިސް ބްރޭންޑްގެ ސެންޓް ފުޅިއެއް ނަގައި ޖިންސް ދަށަށް ޖަހާލައިގެން ފައިސާ ނުދައްކައި ނުކުންނަން އުޅުމުގެ ތެރޭގައި އަތުލައިގަނެފައިވަނީ އެ ރޭ 7:13 ހާއިރު އެވެ.
އެތަނުގެ މުވައްޒަފުން އޭނާ އަތުލައިގަނެ ފުލުހުންނާއި ހަވާލު ކުރުމުން ވަނީ ސެންޓް ފުޅި ނަގައިގެން ފައިސާ ނުދައްކައި ނިކުންނަން އުޅުނު ކަމަށް އިއުތިރާފު ވެފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.
ޝަރީއަތުގެ މަޖިލީހުގައި ވެސް މިހާދު ވަނީ ކުށަށް އިއުތިރާފުވެ ވީހާވެސް ކުޑަ އަދަބެއް ދިނުމަށް އެދިފަ އެވެ. މިހާރު ވެސް އެހެން މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ މިހާދު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ، އެ ދުވަހު ރެޑްވޭވުން ސެންޓްފުޅި ނަގައިގެން ފައިސާ ނުދައްކައި ދާން އުޅުނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުރުމުގެ ސަބަބުން ކަމަށެވެ. މިހާރު އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބާކީ އަދި 16 ދުވަސް އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެން ކަމުން ގާޒީ އާދަމް މުހައްމަދު ނިންމަވާފައިވަނީ، މުޖުތަމައުން މިހާދު އެކަހެރި ކުރުމުގެ ބަދަލުގައި، މުޖުތަމައަށް ފައިދާ ކުރުވަނިވި މީހަކަށް ވުމުގެ ފުރުސަތު ލިބޭ ފަދަ އަދަބެއް ދެއްވުމަށެވެ. އެގޮތުން 18،000 ރުފިޔާއިން ޖޫރުމަނާ ކޮށް ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ގާޒީ ވަނީ ހުކުމް ކުރައްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު