އަންނަ މަހުގެ ކުރީކޮޅުގައި އިތުރު ލުއިތައް ދިނުމަށް ވިސްނަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ލުއިތައް ލިބޭނީ ކޮވިޑުގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ސިންގަޕޫރުން ބުނެފި އެވެ.

ކޮވިޑުގެ ކަންކަމާ ގުޅިގެން، ސިންގަޕޫރުގައި އެކުލަވާލައިފައިވާ މިނިސްޓަރުންގެ ޓާސްކްފޯހުގެ ކޯ ޗެެއާ، އަދި އެ ގައުމުގެ ފިނޭންސް މިނިސްޓަރު ލޯރެންސް ވޮންގް މިދިޔަ ހޯމަ ދުވަހު ޕާލިމެންޓުގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ އެ ގައުމުގެ ކޮވިޑުގެ ހާލަތު އޯގަސްޓު ކުރީކޮޅު ދިރާސާ ކުރައްވާނެ ކަމަށެވެ.

އޯގަސްޓު ކުރީކޮޅާ ހިސާބަށް ދާއިރު، އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ކަމަށާއި އުމުރުން 70 އިން މަތީގެ އާބާދީގެ ގިނަ މީހުން ވެސް ތިބޭނީ ވެކްސިން ފުރިހަމަކޮށްގެން ކަމަށް ވޮންގް ވިދާޅުވި އެވެ.

"އެހެންވީމަ ކޮވިޑު ފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވި، ހޮސްޕިޓަލުގައި އެނދުމަތި ކުރެވޭ މީހުންގެ އަދަދު ދަށްކުރެވިފައި އޮވެއްޖެ ނަމަ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެވޭނެ. އެކަމަކު މި ލުއިތައް ތަފާތު ވާނެ. މި ލުއިތައް ދެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި. އެއީ އެމީހުންނަށް ލިބޭ ރައްކާތެރިކަން ބޮޑު ވީމަ." ވޮންގް ވިދާޅުވި އެވެ.

ވޮންގް ވިދާޅުވީ އިތުރު ލުއިތައް ދިން ނަމަވެސް، ރެސްޓޯރެންޓުތަކަށް ދިއުން ނުވަތަ ޖިމް ތަކަށް ދިއުން ފަދަ ކަންކަމަށް ލުއި ލިބޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.

ވޮންގް ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ސިންގަޕޫރުގެ އާބާދީގެ 80 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވުމަކީ ސަރުކާރުގެ ޓާގެޓެއް ކަމަށެވެ. އެހާ ހިސާބުން އިތުރު ބޮޑެތި ލުއިތައް ވެސް ދެވޭނެ ކަމަށާއި އޭގެ ތެރޭގައި ބޮޑެތި އެއްވުންތައް ބޭއްވުން ފަދަ ކަންކަން ހިމެނޭނެ ކަމަށެވެ.

ވޮންގް އިތުރަށް ވިދާޅުވީ ސިންގަޕޫރުގެ ބޯޑަރުތައް ވެސް އެހެން ގައުމުތަކަށް ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެކަންވެސް ކުރައްވާނީ ވެކްސިން އަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކަމަށެވެ. އެ ގޮތުން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި ހަރުދަނާ ގޮތެއްގައި ކޮވިޑުގެ ކަންކަން "މެނޭޖް" ކޮށް ބަލި ކޮންޓްރޯލު ކޮށްފައިވާ ގައުމުތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.