މާލީ ހާލަތު ދަށް ވެ ޕީއެސްއެމް މުވައްޒަފުންގެ ބައެއް އިނާޔަތްތައް ހިފަހައްޓައިފިއެވެ.

ޕީއެސްއެމްގެ އެޗްއާރް ޑިޕާޓްމެންޓުން މުވައްޒަފުންނަށް މިއަދު ހަވީރު ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނީ، މާލީ ހާލަތު ހުރި ގޮތުން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ ޓެކްނިކަލް ކޯ އެލަވަންސާއި ސަޕޯޓް އެލަވަން މި މަހުގެ މުސާރައިން ވަގުތީ ގޮތުން އުނިކޮށްފައިވާ ކަމަށް މެމޯގައިވެއެވެ.

އުނި ކުރި އިނާޔަތްތައް އަންނަ މަހުގެ 15 ގެ ކުރިން ލިބޭނެ ކަމަށް ފިނޭންސް ޑިޕާޓްމެންޓުން ބުނެފައިވާ ކަމަށްވެސް މި މެމޯގައިވެއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "ވަން" އަށް މިރޭ ވިދާޅުވީ މާލީ ހާލަތު ހުރި ގޮތުން ބައެއް އިނާޔަތްތައް މިމަހުގެ މުސާރައާއެކު ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އިނާޔަތްތައް އަންނަ މަހު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތަށް ދިމާވީ ބަޖެޓް ކުރި ވަރަށް ވުރެ ޕޭރޯލް ބޮޑުވުމުން ކަމަށްވެސް ހާލިދު ވިދާޅުވިއެވެ. އޭނާ ވަނީ މީގެ ކުރިންވެސް އެގޮތަށް އަމަލު ކޮށްފައިވާކަން ފާހަގަ ކުރައްވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މަހުގެ މުސާރައިންވެސް ބައެއް އިނާޔަތްތައް ވަނީ އުނިކޮށްފައެވެ. އަދި ފަހުން އެ އިނާޔަތްތައް ދީފައިވަނީ މިމަހުއެވެ. ނަމަވެސް ދީފައިވަނީ ދޭން ބުނި މުއްދަތަށްވުރެ ފަހުންނެވެ.

ޕީއެސްއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ފިނޭންސް ޑީޕާޓްމެންޓުން ކުންފުނީގެ ބައެއް މުވައްޒަފުން އުނި ކުރުމަށް އެންގި ކަމަށާއި ނަމަވެސް މިހާތަނަށްވެސް އެކަން ކޮށްފައި ނުވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްގައި 410 މުވައްޒަފުން އުޅެއެވެ. އާންމު ގޮތެއްގައި މަހެއްގެ މައްޗަށް މުސާރަ ހަ މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް އަރައެވެ. އަދި ޖުލައި މަހުގެ މުސާރަ ހަ މިލިއަނަށްވުރެ ވެސް މައްޗަށް އަރާފައިވާ ކަމަށް އެނގިފައިވެއެވެ.