1 މުހައްރަމް 1443 އިން ފެށިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީން ބޭރުން އުމްރާވެރީންނަށް ޝަރުތުތަކާއެކު އެގައުމަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސައުދީގެ ހައްޖާއި އުމްރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދޭ ހަރަމައިން ޝަރަފައިންގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ މިކަން އާންމު ކޮށްފައެވެ.

އެގައުމުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 9 ގައުމެއް ފިޔަވައި ހުރިހާ ގައުމަކުންވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ސީދާ އެގައުމަށް ދަތުރު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. އިސްތިސްނާ ވެފައިވާ 9 ގައުމުތަކަށް ބަލާއިރު ޕާކިސްތާނު، އިންޑޮނޭޝިއާ، މިސްރު، ތުރުކީ، އާޖެންޓީނާ، ބްރެޒިލް، ސައުތު އެފްރިކާ އަދި ލުބުނާނުން ދަތުރުކުރާ އުމްރާވެރިން ސައުދީއަށް އައުމުގެ ކުރިން އެހެން ގައުމެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ފަރާތްތައް ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ފައިޒާ، މޮޑާނާ، އެސްޓްރަޒެނެކާ އަދި ޖޯންސަން އެންޑް ޖޯންސަން (މިތަނުން ކޮންމެވެސް އެއް ވެކްސިނެއްގެ) ޑޯޒު ފުރިހަމަ ކޮށްފައި ހުރުން ލާޒިމުކުރެއެވެ. ޗައިނާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ނަމަ ފައިޒާ، މޮޑާނާ އެސްޓްރަޒެނެކާ، ނުވަތަ ޖޯންސަން އެންޑް ޖޯންސަން (މިތަނުން ކޮންމެވެސް އެއް ވެކްސިނެއްގެ) ބޫސްޓާ ޝޮޓެއް ޖަހަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އުމްރާގެ އަޅުކަން އަދާކުރުމަށް އެގައުމަށް އެތެރެވެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމުގައި ވެއެވެ.

އަންނަނިވި ޝަރުތުތަކާއެކު އެގައުމަށް އުމްރާވެރިންނަށް އެތެރެ ވެވޭނީ ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާއާ ބެހޭ މިނިސްޓްރީގެ ދަށުން ހުއްދަ ދީފައިވާ އުމްރާ އޭޖެންސީއެއް މެދުވެރިވެގެން ކަމަށްވެސް އެ ގައުމުން އާއްމުކޮށްފައިވާ އެންގުމުގައި ވަނީ

ބަޔާންކޮށްފައެވެ.

ސައުދީން ބޭރު މީހުންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް އެގައުމު ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު މިދިޔަ ހުކުރު ދުވަހު ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ހައްޖާޖީން ފުރިހަމަކޮށްފައެވެ.

2020 ވަނަ އަހަރުގެ ކޮވިޑުގެ ހާލަތުގެ ސަބަބުން މިދިޔަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީން ހުއްދަ ދީފައިވަނީ އެގައުމުގައި ދިރިއުޅެމުން އަންނަ 10،000 މީހުންނަށް އެކަންޏެވެ. މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 60،000 މީހުންނަށް ފުރުސަތު ދީފައިވަނީ އެ ގައުމުގައި ދިރިއުޅެމުން އަންނަ 18-65 އަހަރުގެ މީހުންގެ ތެރެއިން ފައިޒާ، އެސްޓްރެޒެނެކާ، މޮޑާނާ، ޖޯންސަން އެންޑް ޖޯންސަން (މިތަނުން ކޮންމެވެސް އެއް ވެކްސިނެއްގެ) ޑޯޒު ހަމަކޮށް 14 ދުވަސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު އުމްރާގެ އަޅުކަން އަދާކުރުން ވަނީ މެދުކަނޑާލައިފައެވެ. އަދި 6 މަސް ދުވަހަށްފަހު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައިވަނީ ސައުދީ ރައްޔިތުންގެ އިތުރުން އެގައުމުގައި ދިރިއުޅެމުން އަންނަ ބޭރު މީހުންގެ ތެރެއިން ހަރަމުގެ ޖާގައިގެ 30 ޕަސެންޓާ ހަމައަށް ނުވަތަ އެންމެ ގިނަވެގެން ދުވާލަކަށް 6000 މީހުންނަށެވެ.