ޓޯކިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފެށުމުގެ ގޮތުން ދަންމަރު ރޯކުރުމުގެ ޝަރަފު ލިބުނު ޖަޕާނުގެ ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ ޓެނިސް އިވެންޓުން ކަޓައިފިއެވެ.

ނައޯމީ އޮސާކާއަކީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ރޭންކް ކޮށްފައިވާ ކުޅުންތެރިޔާއެވެ. އޭނާއަކީ އެ ޝަރަފު ލިބުނު ހަމައެކަނި އޭޝިއާގެ ކުޅުންތެރިޔާވެސް މެއެވެ. އުމުރުން އެންމެ 23 އަހަރުގައި ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ނައޯމީ އޮސާކާ ހޯދާފައިވާއިރު، އޭނާ ވެފައި ވަނީ މިހާރު ޖަޕާނުގައި ކުރިއަށްދާ އޮލިމްޕިކްސްގެ އެންމެ މުހިއްމު މޫނަށެވެ. ނައޯމީ އޮސާކާ ޗެކު ރިޕަބްލިކްގެ މާކެޓާ ވޮންދުރޯސޯވާ އަތުން ތިންވަނަ ބުރުން ބަލިވެ، އޮލިމްޕިކްސްއިން ކަޓައިގެން ދިޔުން ވެގެންދާނީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ނަތީޖާއަކަށެވެ.

މި މެޗުން ނައޯމީ އޮސާކާ ބަލިވެފައި ވަނީ ސީދާ ދެ ސެޓުންނެވެ. ސެޓުގެ ގޭމްތައް މާކެޓާ ގެންގޮސްފައި ވަނީ 6-1، 6-4 އިންނެވެ.

ނައޯމީ އޮސާކާއަށް ރަން މެޑަލް ލިބޭނެ ކަމަށް އެތައް ބަޔަކު އުންމީދު ކޮށްގެން ތިބި ނަމަވެސް އޭނާ ކަޓައިގެން ދިޔުން ވެގެން ދިޔައީ މީޑިއާތަކަށްވެސް މިހާތަނަށް އޮލިމްޕިކްސްގައި ލިބުނު އެންމެ "ޝޮކިން" ނަތީޖާއަށެވެ. ނޫސްތައް ބުނެފައިވާ ގޮތުގައި ނައޯމީ އޮސާކާގެ މާޔޫސް ކަމުގައި އޭނާ ވަނީ މީޑިއާތަކާ ކުރިމަތިލާންވެސް އިންކާރު ކޮށްފައެވެ.

ނައޯމީ އޮސާކާއަކީ ޖަޕާނުގެ ކުޅުންތެރިއެއް ނަމަވެސް އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ އެމެރިކާގައެވެ. ޓެނިހުގެ ތެރެއިން ދުނިޔޭގެ އެންމެ މަތީ ފަންތިއަށް ޖެހިލި ފުރަތަމަ އޭޝިއާގެ ކުޅުންތެރިޔަކަށް ނައޯމީ އޮސާކާ ވެފައިވާއިރު، އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑޮކިއުމަންޓްރީ ފިލްމް، ނައޯމީ އޮސާކާ މިހާރު ވަނީ ނެޓްފްލިކްސްގައި ޕްރިމިއާ ކޮށްފައެވެ.