އުމުރުން އެންމެ 13 އަހަރުގައި ޖަޕާނުގެ މަމޯޖީ ނިޝިޔާ އޮލިމްޕިކްސް ރަން މެޑަލް ހޯދައި، ތާރީހު ލިޔެލައިފިއެވެ.

ނިިޝިޔާ ރަން މެޑަލް ހޯދާފައި ވަނީ އަންހެނުންގެ ސްޓްރީޓް ސްކޭޓްބޯޑުންނެވެ. އޭނާ ވެފައި ވަނީ އޮލިމްޕިކްސް ތާރީހުގައިވެސް އިވެންޓަކުން ރަން މެޑަލް ހޯދި ދެވަނައަކަށް އެންމެ ހަގު އެތުލީޓަށެވެ. އަދި އެއީ އޮލިމްޕިކްސް ތާރީހުގައިވެސް ސްޓްރީޓް ސްކޭޓްބޯޑިންއިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.

ވިމެންސް ސްޓްރީޓް ސްކޭޓްބޯޑިން އަކީ މި ފަހަރުގެ އޮލިމްޕިކްސްގައި އަލަށް ފެށި އިވެންޓެކަށްވާއިރު، އިވެންޓްގެ ގަދަ ތިނެއްގައި ވެސް ހިމެނެނީ އެވްރެޖް އުމުރު 14 އަހަރުގެ އެތުލީޓުންނެވެ. މިއީ އޮލިމްޕިކްގެ ދިގު ތާރީހުގައި ވެސް އިވެންޓެއްގެ ގަދަ ތިނެއްގެ އެންމެ ހަގު އެވްރެޖް އުމުރެވެ.

އިވެންޓުގެ ދެވަނައަށް ދިޔައީ އުމުރުން 13 އަހަރުގެ ބްރެޒިލް އެތުލީޓް ރޭއިސާ ލީލްއެވެ. ލީލް އެއް ވަނައަށް ދިޔަ ނަމަ އޭނާ ވެގެންދާނީ އޮލިމްޕިކްސް އިވެންޓަކުން ރަން މެޑަލް ހޯދި އެންމެ ޒުވާން އެތުލީޓަށެވެ. އެކަމަކު ރިހި މެޑަލް އިން ފުއްދާލަން ޖެހުނީ އެވެ. އެ އިވެންޓުގެ ތިން ވަނަ ހާސިލްކުރީ އުމުރުން 16 އަހަރުގެ ޖަޕާނުގެ ފޫނާ ނަކަޔާމާއެވެ.

ނިޝިޔާގެ ފުރަތަމަ ޓްރިކް އޭނާއަށް ކާމިޔާބު ކަމާއެކު ނިންމާ ނުލެވުނު ނަމަވެސް، ދެން ފުރިހަމަ ކުރި ދެ ޓްރިކްވެސް ފެނުނީ އާދަޔާ ހިލާފު މޮޅުކޮށެވެ. ޖުމްލަ 15.26 މާކްސް ނިޝިޔާއަށް ލިބިފައިވާއިރު، ދެވަނައަށް ދިޔަ ލީލްސްގެ މާކްސްއަކީ 14.64 އެކެވެ. ސްކޭޓްބޯޑިންގެ މެޑަލްތައް ގެންގޮސްފައި ވަނީ މިފަހަރު މުބާރާތް ބާއްވާ ޖަޕާނުންނެވެ. ފިރިހެން ސްޓްރީޓް ސްކޭޓް ބޯޑިން އިވެންޓްގެ ރަން މެޑަލް ގެންގޮސްފައި ވަނީ ޖަޕާނުފެ ޔޫޓޯ ހޮރިގޯމްއެވެ.