ދިވެހިރާއްޖޭގެ ތާރީޚު

ޑރ. ވަހީދުގެ ކޮލަމް: މިނިވަން ދުވަހާއި ދިވެހީން މިނިވަންކަމަށް ކުރި ދަތުރު

ޑރ. އަބްދުﷲ ވަހީދު

މިނިވަން ޤައުމަކީ އެ ތަނެއްގެ މުވާޠަނުންނަށް އެ ތަނުގެ ސަރަހައްދުގެ މިލްކްވެރިކަން ލިބިފައިވާ އަދި އެ ސަރަހައްދުގައި އަމިއްލަ ވެރިކަމެއް ކުރުމުގެ ބާރު ލިބިފައިވާ ތަނެކެވެ. މީގެ އިތުރަށް، މި ޒަމާނުގައި މިނިވަން ޤައުމަކަށް ވެވޭނީ އ.ދ. ގެ މެންބަރުންގެ ތެރެއިން ގިނަ ޤައުމުތަކަކުން އެއީ މިނިވަން ޤައުމެއް ކަމަށް ބަލައިގަތީމައެވެ.

މި ގޮތުން ބަލާއިރު ރާއްޖޭގެ ތާރީޚު ސާފުކޮށް އެނގެން އޮތް ގާތްގަނޑަކަށް 870 އަހަރުގެ ތެރޭގައި ކުރު ދެ މުއްދަތެއްގައި ފިޔަވައި ދިވެހިރާއްޖޭގެ ސަރަހައްދުގެ މިލްކުވެރިކަން އޮތީ ދިވެހީންނަށެވެ. އަދި ދިވެހީން ވަނީ ރާއްޖޭގެ ސަރަހައްދުގައި އަމިއްލަ ވެރިކަމެއް ހިންގަމުން އައިސްފައެވެ. ރާއްޖޭގައި ބޭރު ބަޔަކު އައިސް ތިބެގެން ދިވެހީން އަޅުވެތި ކުރީ އެންމެ ދެ ފަހަރުއެވެ. އެއީ 16 ވަނަ ޤަރުނުގައި ފުރެތިކާލުން ރާއްޖޭގައި ވެރިކަން ކުރި 15 އަހަރުގައާއި 18 ވަނަ ޤަރުނުގައި ހޮޅީން ރާއްޖޭގެ މައްޗަށް އަތްގަދަ ކޮށްގެން ތިބި 4 މަސްދުވަހުގަވެ. މިނިވަން ވަނީ އަޅުވެތިކަމުންނެވެ. އެހެންކަމުން ރާއްޖެ ޙަޤީޤީ މާނައިގައި މިނިވަން ވީ މި ދެ ފަހަރުގެ އަޅުވެތި ކަމަށް ފަހުގައެވެ. އަދި މި ދެ މުއްދަތު ފިޔަވައި ރާއްޖެ އޮތީ މިނިވަންކޮށެވެ.

17 ވަނަ ޤަރުނާ ހިސާބުން އެތެރެވަރީގައި ވިލާތުގެ ބާރުތަކުގެ ނުފޫޒު ބޮޑުވާން ފެށިއެވެ. އަދި ރާއްޖެފަދަ ކުޑަ ޤައުމަކަށް މުޅިން މިނިވަންކޮށް، އެކަހެރިކޮށް އޮތުމަކީ ނާދިރު ކަމަކަށް ވިއެވެ. އެ ދުވަސްވަރު ސިލޯނު އިސްތިޢުމާރު ކޮށްގެން ތިބި ލަންދޭސީން، ރާއްޖެއަކީ އެމީހުންގެ ސަރަހައްދުގައި ހިމެނޭ ތަނެއް ކަމަށް ކަނޑައެޅިއެވެ. މިހެންކަމުން 1796 ގައި އިނގިރޭސީން އައިސް ލަންދޭސީން ސިލޯނުން ބޭރުކުރަންދެން ދިވެހިރާއްޖެ އޮތީ ލަންދޭސީންގެ ދަށުގައެވެ. އޭގެ ފަހުން އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީއެވެ. ނަމަވެސް ރަސްމީކޮށް ލިޔެކިޔުމުން ދެ ޤައުމުގެ ދެމެދުގައި އޭރަކު އެކަމެއް ހަމައެއް ނުޖެހެއެވެ.

އިނގިރޭސީންނާއި ރާއްޖެއާ ދެމެދުގައި އޮތް ނުރަސްމީ އެއްބަސްވުން ރަސްމީކޮށް ލިޔެކިޔުމަށް ގެނެވުނީ 19 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެއީ އިނގިރޭސި ރާނީ ކުއީން ވިކްޓޯރިއާގެ ފަރާތްޕުޅުން ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރނަރާއި ރާއްޖޭގެ ރަދުން އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުއް ޘާނީއާއި ދެމެދުގައި 1887 ގެ ޑިސެމްބަރ 16 އާއި 23 ގައި ސޮއިކުރައްވައި ބަދަލުކުރެއްވި ސިޓީފުޅުތަކަކުންނެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އެ ގޮތަށް ރާއްޖެ އޮތްއިރު، ރާއްޖޭގެ ޚާރިޖީ ކަންކަން ބަލަހައްޓަނީ އިނގިރޭސީންނެވެ. ދާޚިލީ ކަންކަމާ އެ މީހުން ނުބެހެއެވެ. ރާއްޖޭގެ ޤާނޫނާއި އާދަކާދަތަކާ އެއްގޮތަށް އިސްކުރެވޭ ރަސްރަސްކަލުން އެ މީހުން ބަލައިގަނެއެވެ. ރާއްޖެއަށް ދިމާވާ ބޮޑެތި ކަންކަމުގައި އެ މީހުން އެހީތެރިވެއެވެ. މިގޮތުން 1932 ގައި އިއުލާންކުރި ރާއްޖޭގެ އެންމެ ފުރަތަމަ ޤާނޫނު އަސާސީ އެކުލެވުމުގައި ލަފާ ދޭނޭ މުޝީރެއް އިނގިރޭސީން ފޮނުވިއެވެ.

މީގެ އިތުރަށް ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ކާޑުގެ ދަތިކަން ކުރިމަތިވުމުން، ސިލޯނުން ކާބޯތަކެތި ހޯދުމަށް މަގުފަހިކޮށްދިނެވެ. އަދި ރާއްޖޭގެ ހާލަތު އަންދާޒާކޮށް، ރަށްރަށަށް ކާޑު ފޯރުކޮށްދޭނޭ ނިޒާމެއް ރޭވުމުގައި އެހީތެރިވިއެވެ.

މިކަންކަމަށް ބަލާއިރު ރާއްޖޭގެ މިނިވަންކަން 1887 ގައި ގެއްލުނޭ ބުނަން ދައްޗެވެ. އިނގިރޭސީންގެ ދައުރު އޮތީ ޚާރިޖީ އަދި ދިފާއީ ކަންކަމުގައެވެ. އެއީ އަސްލުގައި ދިވެހީންނަށް އަމިއްލައަށް ކުރުމުގެ ޤާބިލުކަން ނެތް ކަންކަމެވެ. އަދި އިނގިރޭސީން، އެ ދައުރާ ހަވާލުވީ ވެސް ދިވެހީންގެ އެދުމުގެ މަތީންނެވެ.

1887 ގެ އެގްރިމެންޓް 1948 ގެ 4 އެޕްރީލްގައި އާކޮށް އާ އެގްރިމެންޓެއްގެ ގޮތުގައި ސޮއި ކުރެވުނެވެ. އިނގިރޭސީންގެ ފަރާތުން ސޮއިކުރެއްވީ ޑަބްލިއު.ސީ. ހެންކިންސަންއެވެ. ދިވެހި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިބްރާހީމް ޢަލި ދީދީއެވެ. މި އެގްރީމެންޓްގެ ދަށުން އެހާތަނަށް ދެމުން އައި ޖިޒީ ކަނޑާލެވުނެވެ. އަދި ސިލޯނާ ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ކަނޑާލެވުނެވެ.

ސިލޯނާ ރާއްޖެއާ އޮންނަ ގުޅުން ކެނޑި، ރާއްޖެއާ އިނގިރޭސި ދައުލަތާ ދެމެދު ސީދާ ގުޅުމެއް ޤާއިމް ވެގެން ދިޔަކަމީ ރާއްޖޭގެ މިނިވަންކަމަށް މަގުފަހިކޮށްދިން ކަމެކެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ސިލޯން މިނިވަންވީއިރު ރާއްޖެ ސިލޯނުގެ ބަޔަކަށް ނުވީ މިކަމުގެ ސަބަބުންނެވެ. މިހެންވެ އެ ދުވަސްވަރުގެ ވެރިން މިކަން ސިފަކުރެއްވީ ރާއްޖެއަށް މިނިވަންކަން ލިބުމުގެ ގޮތުގައެވެ.

އާ އެގްރީމެންޓްގެ ދަށުން ރާއްޖޭގައި އަސްކަރީ ބޭސްތައް ޤާއިމުކޮށް ދެމެހެއްޓުމުގެ ބާރު އިނގިރޭސި ސަރުކާރަށް ލިބެއެވެ. އޭގެ ދަށުން އައްޑު އަތޮޅު ގަމުގައި އެއަރ ބޭސްއެއް ހެދުމަށް 1956 ގައި އިނގިރޭސީން ހުށަހެޅިއެވެ.

އެ ކަމަށް ގަމާއި، ހިތަދޫ މާމެންދޫ ސަރަހައްދުން 110 އޭކަރުގެ ބިން 100 އަހަރަށް، އަހަރަކު 20،000 ޕައުންޑްގެ ކުއްޔަކަށް ދިނުމުގެ އިނިޝަލް އެގްރީމެންޓެއްގައި ސޮއި ކުރެވުނެވެ. މި އެގްރީމެންޓްގައި 15 ޑިސެމްބަރ 1956 ގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ޢަލި ދީދީއެވެ. އިނގިރޭސި ރާނީގެ ފަރާއްޕުޅުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ޑެޕިއުޓީ ހައިކޮމިޝަނަރ މރ. ކޮސްޓަރއެވެ. މީގެ ދާއިމީ އެގްރީމެންޓްގައި ސޮއިކުރަން ރާއްޖޭގެ ކެބިނެޓުން ހުއްދައެއް ނުދިނެވެ. މިއާ ގުޅިގެން ހިނގި ހަމަނުޖެހުމުގެ ނަތީޖާއަކަށްވީ 1 ޖަނަވަރީ 1959 ގައި އިއުލާން ކުރި ދެކުނުގެ ގަޑުބަޑެވެ.

މި އިއުލާން ކުރުމާ ވިދިގެން ދެ ސަރުކާރުގެ މެދުގައި ހިނގަމުން ދިޔަ މަޝްވަރާތައް ދިވެހި ސަރުކާރުން މެދުކަނޑާލިއެވެ. އެ ވާހަކަތައް އަލުން ފެށުނީ 13 ޖަނަވަރީ 1960 ގައެވެ. ވާހަކަ ތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން އިސްކޮށް ހުންނެވީ ހައިކޮމިޝަނަރ މރ. މޯރލީއެވެ. މި ވާހަކަ ތަކުން އެއްބަސް ވެވުނު މުހިންމު ކަންކަމަކީ ގަމާއި ހިތަދޫ މާމެންދޫ އިން 110 އޭކަރު ބިން 30 އަހަރަށް ހިލޭ ދިނުމަށާއި ތަރައްޤީގެ އެހީގެ ގޮތުގައި 850000 ޕައުންޑް ރާއްޖެއަށް ދިނުމާއި އިނގިރޭސީން މެދުވެރިވެގެން ވާހަކަދައްކައިގެން އައްޑޫ މައްސަލަ ހަމަޖައްސައި އެ އަތޮޅު ދިވެހި ސަރުކާރުގެ ދަށަށް ގެނައުމެވެ. މި އެގްރީމެންޓް މަޝްހޫރު ވެފައިވަނީ "ނާސިރު – އަލްޕޯރޓް އެގްރީމެންޓް"ގެ ނަމުންނެވެ.

ދިވެހި ސަރުކާރުން ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކޮމަންވެލްތު ރިލޭޝަންސް ޑަންކަން ސޭންޑިސް އަށް 25 ސެޕްޓެމްބަރ 1963 ގައި ފޮނުއްވި ސިޓީއެއްގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ބޭނުންވާކަން ހާމަ ކުރެއްވިއެވެ. މި ކަމަށް އިނގިރޭސީން ދެކޮޅެއް ނަހަދައެވެ. އަދި އެއާ ގުޅިގެން 1964 ޖަނަވަރީ 13 އިގައި މިނިވަން ކަމުގެ ވާހަކަތައް ކޮޅުނބުގައި ފެށުނެވެ.

މި ވާހަކަތައް ނިމި މިނިވަން ކަމުގެ އެގްރީމެންޓްގައި ސޮއި ކުރެވުނީ ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރގެ ގެކޮޅުގައެވެ. ގެކޮޅުގައި މި މުހިންމު ރސްމިޔާތު ބޭއްވީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ކަމުން ރަމްޒުކޮށްދެނީ ސިލޯނާ މިކަމާ އެއްވެސް ގުޅުމެއް ނެތްކަމެވެ. އެގްރީމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މި އެގްރީމެންޓްގައި ސޮއިކުރުމާއެކު 26 ޖުލައި 1965 ގައި ރާއްޖެ މިނިވަންވީއެވެ.

އެގޮތުން 26 ޖުލައި އަކީ މިނިވަން ދުވަސް ކަމަށް ވިޔަސް، މިކަމުގައި ޚިލާފެއް އެބައޮތެވެ. 1976 ގައި އިނގިރޭސީން އައްޑޫ ގަމުން ފޭބުމާ ގުޅިގެން އެ މީހުން ފޭބި ދުވަހަށް ނިސްބަތްކޮށް ރާއްޖޭގައި 29 މާރޗް އަކީ މިނިވަން ދުވަސްކަމުގައި 1978 ގައި ފާހަގަކޮށްފައި ވެއެވެ. މިކަން ކުރެއްވީ ދެވަނަ ބޭފުޅެއް ނޫނެވެ. ސީދާ އިބްރާހިމް ނާސިރެވެ. މިނިވަން ކަމުގެ ބަޠަލުކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ އިބްރާހީމް ނާސިރެވެ. އެހެން ކަމުން އެ މަނިކުފާނުގެ މިއަމަލަށް ސަމާލުކަން ދޭން ޖެހެއެވެ. އަދި އޭގެ މާކުރިން 1948 ގެ އެގްރީމެންޓުން މިނިވަންކަން ލިބި ނިމިފައިވާ ކަމަށް ޤަބޫލު ކުރާ ބަޔަކު ވެސް އެބަ ތިއްބެވެ.

މި ހުރިހާކަމަކަށް ބަލާފައި ނިންމަން ޖެހެނީ ރާއްޖެ މިނިވަން ވީ 26 ޖުލައި 1965 ގައި ކަމަށެވެ. އެއީ، ރާއްޖެއަކީ މިނިވަން ޤައުމެއް ކަމަށް އ.ދ. ގެ ޤައުމުތަކުން ބަލައިގަތީ އެ ދުވަހުގެ އެގްރީމެންޓާ ގުޅިގެން ކަމަށް ވާތީއެވެ.

މިނިވަން ވުމަށްފަހު ދެ ޤައުމުގެ ގުޅުން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންނެވެ. މިހާރު ވެސް ވިލާތުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގުޅުން ބޮޑީ އިނގިރޭސި ވިލާތާކަން ފާހަގަކުރެވެއެވެ. މިގޮތުން ވިސާ ނުނަގައި އެ ޤައުމަށް އެތެރެވެވުމާއި ގިނަ ދިވެހީންތަކެއް އެ ރަށުގައި އުޅުން ފާހަގަކުރެވެއެވެ.

މިއަދަކީ ރާއްޖޭގެ މިނިވަން ދުވަހެވެ. ދުވަހުގެ ހެޔޮ ދުއާއާއި ތަހުނިއާ އެންމެހާ ދިވެހީންނަށް އަރިސް ކުރަމެވެ.

**************

އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.