ދިދަނެގުމުގެ ހާއްސަ އިހުތިފާލާއެކު މުޅި ރާއްޖޭގައި މިނިވަން ދުވަހުގެ ހަރަކާތްތައް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންކަމަށް 56 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ހާއްސަ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި މި އިހުތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދުދީދީ އާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.

މި އިހުތިފާލުގައި ޖުމުހޫރީ މައިދާނުގައި ހުރި ކޯއްޓޭއަށް ދިދަ ނަންގަވާފައިވަނީ ގައުމީ ދިފާއީބާރުގެ އޮފިސަރުންނެވެ. އެއަށްފަހު ގައުމީ ސަލާން ކިއުން އޮތެެވެ.

ދިދަ ނެންގެވުމުގެ އިތުރުން މި އިހުތިފާލުގައި ދުވަހާއިގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުއާ ކޮށްދެއްވީ އައްޝައިހު އަހުމަދު އަބްދުލްކަރީމެވެ.

މިހަފުލާފައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، އާއްމު ގޮތެއްގައި ރާއްޖޭގައި މިނިވަން ދުވަހުގެ ހަރަކާތްތައް ހިންގުމުގައި ކަން ކުރާގޮތަށް ކޮވިޑް 19 ގެ ސަބަބުން ހަފުލާތައް ބޭއްވިގެން ނުދިޔަ ނަމަވެސް މިއަހަރުުގެ މިނިވަން ދުވަސް މުޅި ރާއްޖެއިން ފާހަގަކުރަން "މިނިވަން އުފާ" ގެ ނަމުގައި ހޯމް މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެން 18 ގަޑިއިރުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެޖިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ރާއްޖޭގެ މިނިވަންކަން ރަމްޒު ކޮށްދީ މިނިވަންކަންމަތީ ސާބިތުވެ ިތބިކަން ރަމްޒުކޮށްދޭ ހަރަކާތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާ ގުޅުންހުރި ވަރަަށްގިނަ ކަންތައްތައް ހިމަނައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ސަބަބުން ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށް ދިވެހިން އަދާކޮށްފައިވާ ދައުރާއި މިނިވަންކަން ދެމެހެއްޓިގެން ދާ ގޮތުގެ އެތައް މަންޒަރުތަކެއް ސިފަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ރަަށްތަކާއި، ޖަމިއްޔާ ޖަމާއަތްތަތަކާއި ސްކޫލްތަކުން ތަފާތު ޕްރޮގްރާމް ހިމަނައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް މިނިސްޓަރު އިމްރާން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.