މެއި ހައެއްގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައިގައި އެމަނިކުފާނުގެ ބަޔާނެއް ހޯދުމަށް އެދިފައިވާނެ ކަމަށާއި މިހާތަނަށް ބަޔާނެއް ލިބިފައިނުވާ ކަމަށް ފުލުހުން ރޭ ބުނުމުން އެކަމަށް ނަޝީދު ޅެން ބައިތަކުން ޖަވާބު ދެއްވައިފިއެވެ.

ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދުގެ ބަޔާނެއް މިހާތަނަށް ނަގާފައިނުވާ ކަމަށާއި ބަޔާނެއް ދެއްވުމަށް ދަތިފުޅު ނަމަ ލިޔުމަކުން ނަމަވެސް ބަހެއް ދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަހަކީވެސް އަދި ބަޔާނަކަށް ވެސް ދައްކަން އޮތީ އެމަނިކުފާނުގެ "ޖާނާއި ހިތާއި މޭ" ކަމަށެވެ.

"ޝާއިރު ވިދާޅުވާ ފަދައިން ހިތާ މޭ ހިބައިން ލިޔެ ދިނީމާވެސް ނުވީ ނޫންތޯ؟،" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގް ކުރައްވައި ނަޝީދު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެއެވެ.

ރޭގެ ޕްރެސްގައި މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް ހަމަލާދިނީ ފާރަލައިގެން ކަމަށާއި އެމަނިކުފާނުގެ މޫވްމަންޓު ލީކުވެފައިނުވާކަމަށް ޔަގީން ކަމަށެވެ.

އެ ހަމަލާ ދިނުމަށް ބޭނުންވާ ސައިކަލު ފަދަ ތަކެތި ގަތުމުގެ އިތުރުން ހަމަލާ ދިނީތީވެ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން މިހާތަނަށް ބެލެވެން ނެތް ކަމަށް ވެސް ރިޔާޒު ވިދާޅުވެފައިވެއެވެ.

ރޭގެ ޕްރެސްގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ނަޝީދުގެ ލޭ ހުއްދަ ކަމަށް ދެކި އެމަނިކުފާނު އަވަހާރަކޮށްލުމަށް 2019 ވަނަ އަހަރުން ފެށިގެން ރޭވުންތައް ރާއްވަމުން އައިސްފައިވާ ކަމަށާއި އަދި މިދިޔަ އަހަރުން ފެށިގެން ހަމަލާ ދިނުމަށް އަމަލީ ގޮތުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މެއި ހަ ވަނަ ދުވަހު ދިން ހަމަލާއަކީ އޭގެ ތިން ވަނަ ހަމަލާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 640 ވުރެ ގިނަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި 228 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށާއި އަމިއްލަ މީސްމީހުންގެ 109 ތަނެއްގެ ސީސީޓީވީ ފްޓޭޖް ތަހުގީގަށް ހޯދާފައިވާއިރު އެއީ 5،600 ގަޑިއިރުގެ ފްޓޭޖް ކަމަށެވެ. އެ ހުރިހާ ވީޑިއޯއެއް ދިރާސާ ކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.