"މޯލްޑިވްސް ނޭޝަނަލް ޕާޓީ"ގެ ނަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ ކާނަލް ރިޓަޔާޑް މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީގެ ލޯގޯ ދައްކާލައިފި އެވެ.

ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދަވާ މި ޕާޓީގެ މަސްއޫލުވެރިޔަކީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ އޭނާއަށެވެ.

އެ ޕާޓީ އުފެއްދުމުގެ މޭސްތިރިއަކީ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމެވެ. އޭނާއާ އެކު އެ ޕާޓީ އުފެއްދެވުމުގައި ދެން އިސްކޮށް އުޅުއްވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެ ދެ ބޭފުޅުން ވެސް މިހާރު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ލޯގޯ މިއަދު އާންމު ކޮށްފައިވާއިރު ލޯގޯގައި މައިގަނޑު ގޮތެއްގައި ހުރީ ގަދަ ނޫކުލަ އެވެ. އެހެން ކަމުން ބޮޑަށް ބެލެވެނީ މިއީ އެ ޕާޓީގެ ރަސްމީ ކުލަ ކަމަށެވެ. ލޯގޯގެ މެދުގައި ބޮޑު ހަނދުފަޅިއަކާއި ތިން ތަރި ހުރި އިރު ރުކަކާ ވައްތަރު ކުރެހުމެއްވެސް އެ ލޯގޯގައި ހުއްޓެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅިގެން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް އުފައްދަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އެގޮތުން މިހާރު އެ ދެ މެމްބަރުން ވަނި އެ ޕާޓީ އަށް ސޮއި ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ 3،000 މީހުންގެ ސޮއި ހުށަހެޅުމުންނެވެ.

ޕާޓީ އުފައްދަން މެމްބަރު އުޝާމަށް ދިން ހުއްދަ އާއެކު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ޕާޓީއާ ގުޅޭ 3،000 މީހުންގެ ނަމާއި ސޮއި އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަނުން ވަނީ އަންގާފަ އެވެ.