ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ކުޅުނު ފުރަތަމަ މެޗުގައި ދުނިޔޭ ރޭންކިން ނުވަ ވަނަ ކުޅުންތެރިޔާ، ޗައިނާގެ ހީ ބިންގްޖިއާއޯ އަތުން ބަލިވެއްޖެއެވެ.
ބިންގްޖިއާއޯ އަތުން ނަބާ ބަލިވި ނަމަވެސް އެއީ އޭނާގެ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ތަޖުރިބާ ކަމަށް ބެލެވެއެވެ. ނަބާއަކީ 252 ވަނައަށް ރޭންކް ކޮށްފައިވާ ކުޅުންތެރިޔާ ކަމަށްވާއިރު، ދުނިޔޭގެ ރޭންކިން ނުވަ ވަނަ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅެލަން ލިބުމަކީ ފަހުރުވެރި ކަމަކަށް ވާނެއެވެ.
އިއްޔެގެ މެޗުން ނަބާ ބަލިވީ 21-06، 21-03 އިންނެވެ. ޖުމުލަ 20 މިނިޓުން ނިމިގެންދިޔަ މި މެޗުގައި ނަބާއަށް މާ ބޮޑު ފުރުސަތެއް ނުލިބި ބަލިވެފައިވާއިރު، މާދަމާ އޮންނަ މެޗުގައި ނަބާ ކުޅޭނީ އީރާންގެ ސޮރާޔާ އަގޭއިއާ ދެކޮޅަށެވެ. ނަބާ ވަނީ މީގެ ކުރިން ސޮރާޔާއާ ދެކޮޅަށް ކުޅެފަ އެވެ. އެ ގޮތުން 2019 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކޮށްފައެވެ. އެ މެޗުން ސޮރާޔާ މޮޅުވީ 21-11، 21-11 އިންނެވެ. ސޮރާޔާއަކީ ދުނިޔޭ ރޭންކިންގެ 111 ވަނަ އެވެ.
ރާއްޖޭގެ ކުޅިވަރު ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާ އަކީ ނަބާ އެވެ. އޮލިމްޕިކްސްގައި މިއަދު ރާއްޖޭގެ އަންހެން ފެތުންތެރިޔާ އައިޝަތު ސާޖިނާގެ އިވެންޓް އޮންނާނެ އެވެ. ސާޖިނާ ވާދަކުރަނީ 100 މީޓަރު ބްރެސްޓްރޯކް އިވެންޓްގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު