މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.
އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ އެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިމަހުގެ 20 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން، އެ ކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގުމާއި ގޭންގުތަކާ ގުޅުމެއް އޮތް ކަމަށް ގަބޫލު ކުރެވެ އެވެ. އެ ގޮތުން މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގޭންގާ ގުޅުން ހުރި ދެމީހަކު ކަމަށް ވެސް ބުންޏެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އަނބުރާ ރާއްޖެ ގެނެސް މިހާރު ވަނީ ވަޅުލައިފަ އެވެ. އަދި ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓު މިހާރު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު