ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތަކާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން އަންނަ މަހުގެ ކުރީކޮޅު ފޮނުވާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ ޕްރޮސެކިއުޓަރުންނަށް އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް 15 ދުވަހުގެ މުއްދަތެއް އެބަ އޮތް ކަމަށާއި އެ މީހުންގެ މައުލޫމާތު ހިމެނޭ 11 ބޮކްސް ފައިލްގެ ލިޔުން ފުލުހުން ފޮނުވާފައިވާ ކަމަށެވެ. އެ ހުރިހާ މައުލޫމާތެއް ދިރާސާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ތަހުގީގަށް ބަންދުގައި ތިބި ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހެދުމަށް ހުށައަޅާފައިވާ ކަމަށާއި އެއީ ދެ މީހެއް ކަމަށެވެ. އަދި ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު ބާއްވަން ނިންމާފައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި އެ މައުލޫމާތު އިތުރަށް ތަފްސީލު ކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ދެމީހުންނެއް ކަމެއް ޕީޖީ ހާމައެއް ނުކުރެއެވެ.

"މި މައްސަލާގައި މިހާތަނަށް ތުހުމަތު ކުރެވޭ ބައެއް މީހުން އިއުތިރާފުގެ އެއްބަސްވުން ހަދަން އަޅުގަނޑުމެންނާ ވާހަކަ ދައްކަމުން އެބަދޭ. އެކަމަކަށް އަދި އަޅުގަނޑުމެން ގޮތެއް ނިންމާފައެއް ނުވާނެ. އަޅުގަނޑުމެން އެ ޑިސްކަޝަންތައް އިތުރަށް ކުރިއަށް ގެންދާނީ މި މައްސަލަ އިތުރަށް ދިރާސާކުރަމުން ގެންދާއިރު،" ޝަމީމް ވިދާޅުވިއެވެ.

އިއުތިރާފު އެއްބަސްވުން ހެދޭނެ މަރުހަލާ އެއް އޮންނަ ކަމަށާއި ދައުލަތާއެކު އެއްބަސްވުން ހެދުމުން ތުހުމަތުވާ މީހާއަށް ލިބޭ ލުއިތަކެއްވެސް ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޝަރީއަތުގެ މުޅި އިޖްރާތަށް ލިބޭ ލުއިތައްވެސް ހުންނަ ކަމަށާއި އެކި މައްސަލަތަކުގައި ދައުލަތުން ތުހުމަތުވާ މީހުންނާއެކު މިހާތަނަށްވެސް އިއުތިރާފު އެއްބަސްވުންތައް ހަދަމުން އައިސްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފަދަ އެއްބަސްވުންތައް ހަދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިރާސާ ކުރަމުން މި ގެންދަނީ އެ އިއުތިރާފުވާން އެއްބަސްވާ މީހުންގެ ފަރާތުން ލިބޭނީ ކޮންކޮން މައުލޫމާތެއްތޯ ލިބެނީ އަދި އެ ލިބޭ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް ރަނގަޅަށް މި މައްސަލައިގެ އަސްލު ހޯދަން ކިހާވަރެއްގެ އެހީތެރިކަމެއްތޯ ލިބޭނީ. މިކަންކަަމަށް ބަލާފައި ގޮތް ނިންމާނީ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ތަހުގީގު ޓީމާއެކު އަބަދުވެސް ޕްރޮސެކިއުޓަރުން ހަރަކާތްތެރިވަމުންދިޔަ ކަމަށާއި ޕްރޮސެކިއުޓަރުންގެ ފުރިހަމަ ލަޔަފާއި އިރުޝާދު ފުލުހުންގެ ތަހުގީގަށް ދެމުންދިޔަ ކަމަށެވެ. އަދި ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހަފްތާއަކު އެއް ފަހަރު ފުލުހުން އޭނާއަށް އަރުވަމުން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.