ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން މިހާރު ކުޅެމުން އަންނަ އިޓަލީ ލީގު، ސެރެއާ އޭގައި އަލުން ކުޅެން ބޭނުން ނަމަ ހިތަށް ލައްވާފައިވާ އައިސީޑީ ނަގަން ޖެހޭނެ ކަމަށް ލީގުގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީން ބުނެފިއެވެ.

ފިންލޭންޑާ ދެކޮޅަށް ކުޅުނު ޔޫރޯ 2020ގެ ފުރަތަމަ މެޗުގައި ކާޑިއެކް އެރެސްޓަކާއެކު ދަނޑު މައްޗަށް ވެއްޓުނު އެރިކްސަންއަށް ފަރުވާ ދީފައިވަނީ ކޯޕަންހޭގަންގެ ރިގްސް ހޮސްޕިޓަލުގައެވެ. އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއެކު ވީ އެންމެ އަވަހަށް މެޑިކަލް އޮފިސަރުންނަށް ގޮވައި ރެފްރީ މެޗު ހުއްޓުވައިލީ މެޑިކަލް އިމަޖެންސީއެއްގައެވެ. މެޗުގެ ބާކީބައި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން ކުޅެން ނިންމީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހާލު ސްޓޭބަލް ވުމުންނެވެ.

ހިތަށް އައިސީޑީއަށް ލައްވައި، 29 އަހަރުގެ އެރިކްސަން ގެއަށް ދޫކޮށްލާފައިވާއިރު، އޭނާގެ ފުޓުބޯޅަ ކެރިއަރާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. އެރިކްސަންއަށް ސެރެއާ އޭގައި އިތުރަށް ކުޅެވޭނެ ކަމާމެދު ވާހަކަ ދައްކަމުން އިޓަލީގެ ފުޓުބޯޅަ ފެޑަރޭޝަންގެ މެންބަރެއް ކަމަށް ފްރެންސެސްކޯ ބްރަކޮނާރޯ ބުނެފައި ވަނީ އެރިކްސަންއަށް އިޓަލީ ލީގުގައި ކުޅެވޭނީ އައިސީޑީ ނަގައިގެން ކަމަށާއި، އެކަން އޮންނަ އުސޫލަކީ އެއީ ކަމަށެވެ.

އިޓަލީގެ އިންޓަ މިލާނަށް ކުޅުމުގެ ކުރިން އޭނާ ވަނީ އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާގައި ވެސް ވިދާލައިފައެވެ. އެރިކްސަން ވަނީ 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޑެންމާކަށް ކުޅުނު 106 މެޗުން 36 ގޯލު ޖަހައިދީފައެވެ.

ކާޑިއެކް އެރެސްޓެއްގައި އެރިކްސަން ދަނޑު މައްޗަށް ވެއްޓުނު ހިސާބުން ޑެންމާކަށް އުނދަގޫ ހާލަތެއް ކުރިމަތިވިއެވެ. ކުޅުންތެރިންނަށް ނަފުސާނީ ގޮތުން ކުރި އަސަރުތަކާއެކު ޑެންމާކަށް ދިމާވީ އަންދާޒާ ކޮށްލަންވެސް އުނދަގޫ ހާލަތެކެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ބަލިވެ އެޓީމަށް ހިތާމައިގެ މައްޗަށް ހިތާމަ ކުރިމަތިވިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުތްއިރު ބޮޑު ތަފާތަކުން މޮޅުވުން ނޫން ގޮތެއް ޑެންމާކަކަށް ނެތެވެ. އެ މެޗުގެ ކުރިން ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ ހޮސްޕިޓަލުގައި އޮތުމަށްފަހު އެރިކްސަން ގެއަށް ދިއުމުގެ ކުރިން ޓީމާ ބައްދަލުވެލުމެވެ. ހިތަށް އައިސީޑީއެއް ލެއްވުމަށް ކުރި ސާޖަރީއަކަށްފަހު އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެރިކްސަން ވަނީ ހެލްސިންގޯއަށް ގޮސް، ޑެންމާކު ޓީމާ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމަށްފަހު ޑެންމާކުން ގްރޫޕް ސްޓޭޖު ފަހު މެޗުގައި ރަޝިއާއާ ދެކޮޅަށް ނުކުތީ އެރިކްސަންއަށް ޓަކައި މޮޅަކަށެވެ. އެ މެޗަށް ނުކުމެ ޑެންމާކުން ލިޔެލީ ފަހުގެ ތާރީހެއްގައި ފުޓުބޯޅައިގެ އެންމެ ރީތި ޖާދުވީ ވާހަކައެވެ. ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އެޓީމަށް ދިމާވި އުނދަގޫ ހާލަތު ބަދަލުކޮށް، އަމިއްލަ ސަޕޯޓަރުން ކުރިމަތީ ހޯދި މޮޅާއެކު ގަދަ 16 ޔަގީން ކުރި މަންޒަރު ބަލަން ތިބި ހުރިހާ އެންމެންގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ގްރޫޕް ސްޓޭޖު ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތް ޑެންމާކު، ތިންވަނަ މެޗަށް ނުކުމެ، 4-1 އިން ރަޝިއާ ބަލިކޮށް، ގަދަ 16 އަށް ދިޔައީ ހީ ނުކުރާ ފަދަ ގޮތަކަށެވެ. އެއަށްފަހު ކުއާޓާ ފަަހަނައަޅައި، ޑެންމާކުން ޔޫރޯ ނިންމާލީ ސެމީ ފައިނަލްގައިވެސް ކުޅެފައެވެ.