ޚަބަރު

އިޖުތިމާއީ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން އިތުރު 70 މިލިއަން ރުފިޔާގެ އެހީ

ރިފާ ހަލީލު

ރާއްޖޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށްދޭ އެހީ އިތުރުކޮށް، އެކަމާ ގުޅޭ އެއްބަސްވުން އާކޮށްފި އެވެ.

އެހީ އިތުރުކޮށް، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އާ ކުރެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރެވެ.

އިޖުތިމާއީ މަޝްރޫއުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް މީގެ ކުރިން ދީފައިވަނީ 85 މިލިއަން ދިވެހި ރުފިޔާ އެވެ. މި އެމްއޯޔޫގައި ސޮއިކުރުމާއެކު މި އަދަދު ވަނީ 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުވެފަ އެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ އެމްއޯޔޫގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އިންޑިއާގެ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި 2019 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެމްއޯޔޫގެ ދަށުން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެ އެވެ. އެއީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތައް، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީކުރުމުގެ މަޝްރޫއުތައް، ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ގާއިމު ކުރުމުގެ މަޝްރޫއުގެ އިތުރުން ހއ ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއެވެ.