ކޮވިޑާ ގުޅިގެން ތ. ކިނބިދު މޮނީޓަރިންގެ ހާލަތަށް ލާފައިވިނަމަވެސް އެރަށުގައި އީދު ކުޅިވަރުތައް ކުރިއަށްދާނެ ކަމަށާއި ހުއްޓާލާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ނުވަތަ އެރަށުގެ ސިއްހީ މަރުކަޒުން އެންގުމުން ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން މިއަދު "ވަން" އަށް ވިދާޅުވީ، އެރަށް މިމަހުގެ 20 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނައުމާއެކު އެވަގުތުން ފެށިގެން އީދު ކުޅިވަރުތައް މެދުކަނޑާލި ކަމަށެވެ.
ނަމަވެސް، އިއްޔެ އަލުން ކުޅިވަރުތައް ފަށާފައިވަނީ ރައްޔިތުންނާއި މަޝްވަރާއާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިސް ފަރާތެއްގެ ލަފަޔާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ގަބޫލު ކުރަން މޮނީޓަރިންގެ ހާލަތުގައި އޮތިއްޔާ އީދެއް ފާހަގަ ނުކުރެވޭނެ ކަމަކަށް. މޮނީޓަރިންގެ އެންގުމާއި އީދާއި ގައިޑްލައިންގައިވެސް މި ހުންނަނީ ދާދި އެއް ވާހަކަތަކެއް. މީގައި އޮތް ގޮތުންވިއްޔާ ގިނަ ރަށްރަށުގައި މިހާރުވެސް އީދު ކުރިއަށް އެގެންދަނީ ގައިޑްލައިނާއި ހިލާފަށް،" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވީ، ކިނބިދޫ ކައުންސިލުން އެއްވެސް ހާލެއްގައި އެޗްޕީއޭގެ ނިންމުމަށް ގޮން ނުޖަހާނެ ކަމަށާއި އެޗްޕީއޭއިން އަންގައިފި ނަމަ ނުވަތަ އެރަށު ސިއްހީ މަރުކަޒުން އަންގައިފިނަމަވެސް ކުޅިވަރުތައް ވަގުތުން މެދުކަނޑާލާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މުހިންމުވާނީ ރައްޔިތުންގެ ސިއްހަތު. ކުޅިވަރުތައް ކުޅެން ނިންމުނަކީވެސް ކައުންސިލްގެ އެކަނި ނިންމުމެއް ނޫން. އެއީ ރައްޔިތުން ބޭނުންވި ގޮތް،" އަލީ ހުސައިން ވިދާޅުވިއެވެ.
ތުއްތު ކުއްޖަކު ޕޮޒިޓިވެ ކިނބިދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އިއްޔެ އެރަށުގައި ވަނީ ފޯރިއާއެކު އީދު ކުޅިވަރުތައް ކުޅެފައެވެ. މިއަދުވެސް އީދު ކުޅިވަރުތައް ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު