ޚަބަރު

ޔާމީން ހޮވަން ނޫޅެ، ސޯލިހު ހޮވަން އުޅެވުމުން ހިތާމަކުރަން: ލޯޔަރު ވައްޑެ

އަލީ ޔާމިން

1

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ނުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން މަސައްކަތް ކުރެވުނީތީ ހިތާމަކުރައްވާ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

އަލުން ޕީޕީއެމްއާ ގުޅިވަޑައިގެން ރައީސް ޔާމީނަށް ވައްޑެ ތައުރީފުކުރައްވާފައިވާ އިރު، މީގެ ކުރިން އޭނާ ވަނީ ރައީސް ޔާމީނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި ވައްޑެއަށް މަޖިލީހުގެ ގޮނޑި ގެއްލުމުން، އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަދައްކަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމަށް ލޯޔަރު ވައްޑެ މަސައްކަތްކުރެއްވިއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ، 2018 ގައި ރައީސް ސޯލިހު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވީ އެމަނިކުފާނަކީ މާ ބޮޑު އިލްމަކާއި ތަޖުރިބާއެއް ހުންނެވި ބޭފުޅަކަށް ވެގެން ނޫން ކަމަށާއި އޭރު ހާލަތު އޮތް ގޮތުން ރައީސް ސޯލިހު ވެރިކަމަށް ގެނެސްފިނަމަ ފައިދާތަކެއްވެދާނެ ކަމަށް އޭރު އެބޭފުޅުންނަށް ބަޔަކު ވިސްނައިދިނުމުން ކަމަށެވެ.

ރައީސް ޔާމީނާ އެއްވެސް އިރަކު ޒާތީ ނުވާކަން ފާހަގަކުރައްވައި ވައްޑެ ވިދާޅުވީ، ރައީސް ޔާމީން ކަންކަން ކުރެއްވީ އެންމެ ރަނގަޅަށް ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށާއި އެކަން އެނގުނީ މި ސަރުކާރާއެކު މަސައްކަތް ކުރައްވަން ފެއްޓުމަށް ފަހުގައި ކަމަށެވެ.

"ކުރެވުނު ކަންތަކަށް މައާފަށް އެދެން ޖެހޭ ކަމަށް ފެންނާތީ ރައްޔިތުންގެ ކިބައިން މައާފަށް އެދުނީ. އަޅުގަނޑު ގަބޫލު ކުރީ ރައީސް ޔާމީންގެ ކިބައިން މައާފަށް އެދެން. އަޅުގަނޑު ހިތާމަކުރަން މިއަދު. އިންސާނުންނަށް ކުށްކުރެވޭނީވެސް، ގޯސް ހެދޭނީވެސް. އަޅުގަނޑު ހިތާމަކުރަން ރައީސް ޔާމީން ހޮވަން ނޫޅެ، ރައީސް ސޯލިހު ހޮވަން އުޅެވުނީމަ،" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ އިތުރަށް ވިދާޅުވީ، އޭނާ ޕީޕީއެމާ އަލުން ގުޅުނީ އިހުލާސްތެރި ނިޔަތެއްގައި ކަމަށާއި މަސައްކަތް ހުއްޓާލާނީ 2023 ގައި ރައީސް ޔާމީން އަލުން ރާއްޖޭގެ ވެރިކަމަށް ގެނެސްފައި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟