ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއަށް ދީފިއެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ދިދަ އުފުލުމުގެ ފުރުސަތު ދޭން އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ތަފާތުކުރުންތައް މަދު ކުރުމުގެ ގޮތުންނެވެ. ރާއްޖޭގެ ދިދަ އުފުލާނެ އަންހެން އަދި ފިރިހެން އެތުލީޓު ކަނޑައަޅައި، މިއަދު ޖަޕާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިދަ ހަވާލުކޮށްދެއްވީ އެމްއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނެ ރާއްޖޭގެ ކޮންޓިންޖެންޓް މިވަގުތު ތިބީ ޓޯކިއޯގެ އޮލިމްޕިކްސް ވިލެޖުގައެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު އެތުލީޓަކު ވާދަކުރާނެއެވެ. އެއީ މުބާލާއި ނަބާހާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ފެތުންތެރިޔާ އައިޝަތު ސާޖިނާއެވެ.
ހުކުރު ދުވަހު އޮންނަ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު މުބާލަށް ލިބުނު އިރު، މިފަހަރުގެ އޮލިމްޕިކްސްއިން ފަހު ވަގުތު އޭނާއަށް ފުރުސަތު ލިބުނީ ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ، ފީނާ އިން ކަނޑައެޅި އުސޫލުތަކާ ގުޅިގެންނެވެ. ޓޯކިއޯ އޮލިމްޕިކްސްގައި މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައެވެ.
ދިދަ އުފުލުމުގެ ޝަރަފު ދެން ލިބުނު ނަބާހާއަކީ ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ރާއްޖޭގެ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ. އޮލިމްޕިކްސްއިން ނަބާހާ ފުރުސަތު ހޯދި އިރު، އޭނާ ވަނީ ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިފައެވެ.
ނަބާހާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑެއްޔެވެ. އެގޮތުން އެ މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާހާ އާއި އޭނާގެ ކޮއްކޮ އައިމިނަތު ނަބީހާ ރަން މެޑަލް ހޯދި އިރު، އެ މުބާރާތުގެ މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާވެސް ވަނީ ރަން މެޑަލް ހޯދައިފައެވެ. އަދި 2019 ވަނަ އަހަރު އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަންހެން ޑަބަލްސް ބައިން ނަބާހާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދައިފައެވެ.
އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ) އެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް