އީދު ދުވަހުގެ ދަންވަރު ހެންވޭރުކޮޅު އާޓިފިޝަލް ބީޗުގައި ގެންގުޅުނު ކުކުޅުތަކެއް ފުލުހުން ހިފައިގެން ވަގަށް ގެންގޮސްފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތައް އެ މުއައްސަސާއިން ދޮގުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ސައިކަލްތަކެއްގައި ދިޔަ ފުލުހުންގެ ބަޔަކު އެތަނުގައި ހުރި ތިބި ކުކުޅުތައް ކަތިލައިގެން ހިފައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންނަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ވަން' އަށް ވިދާޅުވީ، ކުޑަހެންވޭރު ސަރަހައްދުގައި ދޫކޮށްލާފައި ތިބި ކުކުޅުތަކެއް ހިފައި ކަތިލާފައިވާ ކަމުގެ މައްސަލައެއް އިއްޔެ 8:05 އެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން ފުލުހުން އެކަމުގައި ބައިވެރިވެފައިވާ ކަން އެނގިފައެއް ނުވޭ،" އޮފިޝަލު ވިދާޅުވި އެވެ.

އެސަރަހައްދުގައި އުޅޭ ޒުވާނުން ގެންގުޅޭ އެ ކުކުޅުތައް ބަޔަކު ވަގަށް ގެންގޮސްފައިވާއިރު އާޓިފިޝަލް ބީޗުގައި ބައެއް ކޮށިތަކެއް ބަހައްޓައިގެން ބައެއް އެހެން ކަހަލަ ދޫނިތައް އަދި މަސް ޓޭންކެއް ވެސް ގެންގުޅެ އެވެ.